logoEN
cocacola
އަޚްތަރު - މީހާ ގަނޑުވެ ހުއްޓުނީ ލޯބިވާ މަންމައާއި ކޮއްކޮ ނިޔާވި ޚަބަރާއެކު

އަޚްތަރު - މީހާ ގަނޑުވެ ހުއްޓުނީ ލޯބިވާ މަންމައާއި ކޮއްކޮ ނިޔާވި ޚަބަރާއެކު

# ކަނޑުމަތީގެ ހާދިސާ# އެނަމާ ކާރިސާ# އެނަމާ ބޯޓު

2A5CCAA7-C231-4677-B994-1D23D172C8C3

އެއީ ރާއްޖޭގެ ނޫސްވެރިކަމުގެ "ބޯދާ" ކޮޅެވެ. ލިބޭ ޚަބަރު އާންމުންނާ ހަމައަށް ފޯރުކޮށްދެވެނީ ނޫސްވެރިޔާއަށް ޚަބަރު ލިބޭތާ އެންމެ އަވަސްވެގެންވެސް 24 ގަޑިއިރު ފަހުންނެވެ. އޮންލައިން މީޑިއާތައް ތައާރަފްވުމުގެ ކުރިން ރާއްޖޭގައި ނޫސްވެރިކަން ކުރަމުން އައީ ޗާޕުކޮށްގެން, ހަފްތާ ނުވަތަ ދުވަހު ނޫހުގެ ގޮތުގައެވެ. އެއީ މިއަދު ފައްކާވެފައި މިއޮތް ދިވެހި ނޫސްވެރިކަމުގެ ބިންގާ އެޅެމުން އައި ދުވަސްވަރެވެ. ޓެކްނޮލޮޖީގެ އީޖާދުތައް ތައާރަފްވެ އެތަކެއްޗަށް މީހުން ރޯފިލަން ތައްޔާރުވި ޒަމާނެވެ.

ގޮސިޔާ

މިއީ 2004 ވަނަ އަހަރުގެ ވާހަކައެވެ. ރާއްޖޭގެ ދިގު ތާރީޚުގައިވެސް ފަތްފުށްތަކުން ފެންނާން އޮތް އެންމެ ހިތާމަވެރި ކަނޑުމަތީގެ ޙާދިސާ ހިނގައިދިޔަ އަހަރެވެ. ގދ. ތިނަދޫއަށް މަޝްހޫރު އެނަމާ ކާރިސާގެ ވާހަކަ އެވެ. އެއީ އެ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހެވެ. އެ ދުވަހުގެ އިރު އަރައިގެން އައީ ރަށަށް އުފާވެރި އަދި އުއްމީދީ ދުވަހެއްގެ ގޮތުގައެވެ. އެއީ އެ އަހަރު ބޭއްވި ޒޯން މުބާރާތުގެ ފައިނަލުން ތިނަދޫގެ ޓީމަށް ޖާގަ ލިބިގެން އެ މެޗަށް ތައްޔާރުވަމުން ދިޔަ ދުވަހެވެ.

undefined

ތިނަދޫއަކީ އޭރު ފުޓުބޯޅައަށް "މަރުދިން" ރަށެއް ކަމުން ރަށުގެ ކުދި ބޮޑު އެންމެން ކަހަލަ ގޮތަކަށް ދިޔައީ އެ މެޗަށް ތައްޔާރުވަމުންނެވެ. އެ މުބާރާތަކީ ޒޯން މުބާރާތަކަށް ވުމުން ފައިނަލް މެޗު ކުޅެން ހަމަޖެހިފައި އޮތީ ގއ. ވިލިނގިލީގައެވެ. އެހެން ކަމުން ގިނަ އަދަދެއްގެ ބަޔަކު ދިޔައީ ރަށުގެ ޓީމަށް ސަޕޯޓު ކުރުމަށް ވިލިނގިއްޔަށް ދިއުމަށް ރާވައި ތައްޔާރުވަމުންނެވެ. އެކި މީހުން އެކި އޮޑިފަހަރުގައެވެ.

ކުޑައެއް ބޮޑެއް ކިޔޭކަށް ނެތެވެ. އެކުވެރިކަމާއެކު ޓީމަށް ސަޕޯޓްކޮށް ހިތްވަރު ދިނުމަށްޓަކައި ރަށުގެ ކުދި ބޮޑު ގިނަ މީހުން "އެނަމާ"ގައި ދަތުރުފެށީ ގއ. ވިލިނގިއްޔާ ދިމާލަށެވެ. ހިތްވަރާއި ޖޯޝުގައި ގޮސް ސަޕޯޓުކުރުމުން އެދުވަހު ތިނަދޫ ޓީމާ ލައިގަތީ ނާކާމިޔާބީއާއެވެ. އެ ޓީމަށް ލިބުނީ މުބާރާތުގެ ރަނަރަޕް ޓީމުގެ މަގާމެވެ.

undefined

ރަނަރަޕް ޓީމުގެ ލަގަބާއެކު ގއ. ވިލިނގިލިން "އެނަމާ" ނައްޓައިލީ އެދުވަހުގެ އިރުއޮއްސެން އުޅެނިކޮށެވެ. ކުރިން އޮތް ފޯރި ނެތްކަމުގައި ވިޔަސް، ކޮންމެވެސް ވަރަކަށް ބޯޓު ތެރޭގައި މީހުން ފޯރި ނަގައިހެދިއެވެ. ބަލިވުމުން ވީ ދެރަ ހަނދާން ނައްތާލުމަށެވެ. ކަނޑުވެސް މަޑު، އޮއިވަރުވެސް މަޑު ރެއަކެވެ. އޮމާން ދަތުރު ކުއްލިއަކަށް ބަނަކޮށްލީ ބޯޓު ކައިރިން ދިޔަ ދޯންޏެއްގެ ރާޅުބާނީއެވެ. އެރާޅުބާނީގައި ޖެހި މުޅި ބޯޓު އެއްކޮށް ބަންޑުންޖަހައިލިއިރު ބޯޓުގައި ގާތްގަޑަކަށް 122 މީހުން ތިއްބެވެ.

މި ލިޔުމުގައި މި ގެނެސްދެނީ އެ ކާރިސާ އެންމެ ގާތުން ކަވަރު ކުރަމުންދިޔަ ގދ. ތިނަދޫއަށް ނިސްބަތްވާ އެންމެ ތަޖުރިބާކާރު ދުވަސްވީ ނޫސްވެރިޔާގެ ހަނދާންތަކެވެ. އޭރު މިއަދު ނޫހުގެ ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މުޙައްމަދު ޢަޚްތަރު އެދުވަހު ކުރި ތަޖުރިބާގެ ވާހަކައެވެ.

undefined

އެނަމާ ޙާދިސާ އަކީ އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފާނެ ކަމަކަށް ތިނަދޫ ރައްޔިތުން ހީކޮށްގެން ތިއްބާ ހިނގި ޙާދިސާއެއް ނޫން. އެއީ ކާމިޔާބީއެއްގެ އިހުސާސްގެ ތެރޭގަ ހިނގި ކަމެއް. އެހެންވީމަ ކުއްލިއަކަށް އެފަދަ ކަމެއް ވެގެން ދިއުން އެއީ އެއްވެސް ބަޔަކު ގަބޫލުކޮށްގެން ތިބި ކަމެއް ނޫން.

އެ ދުވަހުގެ ހަނދާންތަކުގެ ވާހަކަ އަޚްތަރު ކިޔައިދިން އިރު މާޔޫސްކަން މޫނުމަތިން ފެންނާން ހުއްޓެވެ. އަޚްތަރު ކިޔައިދިން ގޮތުގައި އެންމެ ފުރަތަމަ އެހާދިސާ ހިނގައިގެން ރަށު ތެރޭގައި ޚަބަރު ފެތުރެން ފެށީ ބޯޓަށް އެކި ގޮތް ގޮތް ވެގެން އުޅޭ ކަމަށެވެ. އެއް ބަޔަކު ބަންޑުން ޖަހާލީ އޭ ކިޔާ އިރު އަނެއް ބަޔަކު ބުނަމުން ދިޔައީ ފަރަށް އެރީ ކަމަށެވެ. އަދި ބައެއް މީހުން ބުނަމުން ދިޔައީ ބޯޓުން ދަތުރުކުރި އެންމެން މަރުވެއްޖެ ކަމަށެވެ. އޭރު ބޯޓުގައި އަޚްތަރުގެ އާއިލާއަށް ނިސްބަތްވާ 10 ވަރަކަށް މީހުން ބޯޓު ތެރޭގައި ތިއްބެވެ.

undefined

ރަށު ތެރޭގައި ފެތުރެން ފެށި އެ ޚަބަރުތަކާއެކު އިތުރު މައުލުމާތު ސާފު ކުރަން އެންމެ ފުރަތަމަ ޖެޓީ ސަރަހައްދަށް އެއްވި މީހުންގެ ތެރޭގައި އަޚްތަރުވެސް ހިމެނެއެވެ. އަޚްތަރު ދިޔައީ އާއިލާ މީހުންގެ ޙާލު އޮޅުން ފިލުވުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން އެ ދުވަހުގެ މެޗުގައި ތިނަދޫ ޓީމުގައި ކުޅެން ދިޔަ އަޚްތަރުގެ ކޮއްކޮ, އާންމު ނަމުން ނަމަ "ކައިންޑޭ" އަށް ގުޅައި ވެގެން އުޅޭ ގޮތް ބެލިއެވެ. ކަން ދިމާކުރި ގޮތުން ތިނަދޫ ޓީމުގެ ކުޅުންތެރިން ދަތުރުކުރީ އެހެން ދޯންޏަކުން, އެހެން މިސްރާބަކަށެވެ. އެހެން ކަމުން ކައިންޑޭ އަށްވެސް ވެގެން އުޅޭ ސީދާ ގޮތެއް ނޭނގެ އެވެ. ނަމަވެސް ކޮންމެވެސް ކަމެއް ދިމާވެގެން އުޅޭކަން ކައިންޑޭއަށްވެސް އޭރު އެނގޭ ކަމަށް އަޚްތަރު ކިޔައިދިނެވެ.

އެހާ ހިސާބުން މީހުންނަށް ސާފުވާން ފެށީ. އެއިރު ލައިވް އާއި ޚަބަރުތައް ގެނެސްދިނުމާއި އެކަހަލަ ކަންތައްތަކެއް ހުރީކީ ނޫން. އޭރު އެދުވަހު ލިބޭ ޚަބަރުތައް އަނެއް ދުވަހު މި ލިބެނީ. އޭރު މިއަދު ނޫހުގައި މަސައްކަތް ކުރަމުން ދިޔައީ އެދުވަހު ދިޔައީ ވަގުތުން ވަގުތަށް މިއަދު ނޫހަށް ޚަބަރުތައް ދެމުން. އޭގެ އިތުރުން ހަވީރު ނޫހާއި އިތުރު ނޫސްތަކަކުންވެސް ގުޅަމުން ގެންދާތީ އެ ނޫސްތަކަށްވެސް މައުލޫމާތު ދެމުން ގެންދިޔައީ.

undefined

ޖެޓީ ސަރަހައްދުގައި އަޚްތަރު ހަރަކާތްތެރިވަމުންދިޔައީ ކާރިސާއާ ގުޅޭ ޚަބަރާއި މައުލޫމާތު އެއްކުރުމުގެ މަގްސަދުގައެވެ. އެ ވަގުތު ރަށުގެ ކުދި ބޮޑު އެންމެން ކަހަލަ ގޮތަކަށް ޖެޓީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށް އަޚްތަރު ކިޔައިދިނެވެ. އޭރުވެސް ޙާދިސާގެ ވާހަކަ އެކި މީހުން ދައްކަމުން ދިޔައީ އެކި ގޮތް ގޮތަށެވެ.

ވެގެން އުޅޭ ގޮތެއް ބެލުމަށް އެއިރު ތިނަދޫގެ އެކި މަސްދޯނިތަކާއި އޮޑިފަހަރު އެ ބޯޓު އޮތް ސަރަހައްދަށް ދާން ނައްޓާލައިފިއެވެ. ބަނދަރު ސަރަހައްދުގައި ތިބި މީހުން ތިބީ އެ އޮޑިފަހަރުގެ އިންތިޒާރުގައެވެ. ވެގެން އުޅޭ ގޮތެއްގެ ހަގީގަތް ހޯދުމަށެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަން ހުރީ ހާސްކަމާއި ބިރުވެރިކަމުގެ އަލާމާތްތަކެވެ.

ޖެޓީ ސަރަހައްދުގައި އެބައެއްގެ މީހުންގެ މައުލުމާތު އެބަޔަކު ހޯދަނީ. އެ ޚަބަރުތައް ލިބެމުން ދިޔަ އިރުވެސް އެއްވެސް އިރެއްގަ އާއިލާގެ މީހަކަށް އެއްވެސް ކަމެއް ވި ކަމުގެ މައުލޫމާތެއް ނުލިބޭ. އޭރު ވަރަށް ޖޯޝުގަ ހުރީ. ކަވަރ ކުރުމުގެ ވިސްނުމުގަ ބޮޑަށް ހުރީ. އޭރު ފޮޓޯ ނަގާ މީހަކަށްވެސް ހުރީ އެކަނި. އެހެންވެސް އަވަހަށް ގޮސް ކެމެރާ ހޯދަން ބެލި އިރު ކެމެރާއެއް ނެތް. ކެމެރާ ހިފައިގެން އޭރު އެކުގަ މަސައްކަތް ކުރި ރިޔާޒް ދިޔައީ. ދެން އަވަހަށް ދުއްވައިގަތީ އަޖީބް ސޯ ކައިރިއަށް. ދިޔަ އިރު އަޖީބް ސޯގެ ކެމެރާ އޮތީ ނަސީބަކުން ޗާޖުވެސް ކޮށްފަ. އެއީ ކުޑަކުޑަ ސޮނީ ސައިބަރ ޝޮޓް ކެމެރާއެއް. އޭތި ހިފައިގެން އައިސް ޖެޓީގަ ހުއްޓާ މީހުން ގޮވައިގެން އޮޑިފަހަރު އަންނަން ފެށީ. އެހިސާބުން ފޮޓޯ ނަގަން ފެށީ.

undefined

ކެމެރާ އަތަށް ހެޔޮވަރުކޮށްލައިގެން އަޚުތަރު ކުރި މަސައްކަތުން އެ ހާދިސާގެ ފޮޓޯތަކާއި ހަނދާންތައް ސިފަވާން އެބަހުއްޓެވެ. އެއިރު ނޫސްތަކުން ބޭނުން ކުރީ ހުސް އަޚްތަރުގެ ފޮޓޯތަކެވެ. އަޚްތަރު އެދުވަހު ކުރި މަސައްކަތަކީ ދިވެހި ތާރީޚަށްވެސް ކޮށްދެވުނު އަގުބޮޑު މަސައްކަތެކެވެ.

ފޮޓޯ ނަގަމުން ދަނިކޮށް އޮޑިދޯނިފަހަރުން މީހުންތައް ގެންނަން ފެށިއެވެ. އެއާއެކު އެމީހުން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތްވެސް އަޚުތަރު ކުރިއެވެ. އެއިރުވެސް އެއް އަތުން މީހާ ގައިގައި ހިފަހައްޓައިގެން އަނެއް އަތުން ދިޔައީ އެދުވަހުގެ ހާލަތު ކެމެރާގެ ލެންސަށް ހެޔޮވަރު ކުރަމުންނެވެ. އެއިރަކުވެސް އަޚްތަރުގެ އާއިލާ މީހަކަށް އެއްވެސް ކަމެއް ވެގެން އުޅޭ ކަމުގެ މައުލޫމާތެއް ނުލިބެއެވެ. ނަމަވެސް އެތަނުގައި ތިބި ގިނަ މީހުންނަށް އަޚްތަރުގެ އާއިލާއިން ބަޔަކު ނިޔާވި މައުލޫމާތު އޮތީ އެނގިފައެވެ. އެއްވެސް މީހަކު އަޚްތަރު ކައިރީ އެވާހަކަ ނުބުނެއެވެ.

އަޚްތަރު އެދުވަހުގެ މަންޒަރުތައް ސިފަ ކުރީ "މަރުވެފައި ތިބި މަސްތަކެއް ދޯންޏަކަށް ލައި ފުރާލާފައިވާ ކަހަލަ" ގޮތަށެވެ. ބައެއް މީހުން މީހުންތައް އުފުލައިގެން ގެންދިޔައީއެވެ. އަދި ބައެއް މީހުން މީހުންގެ ފުރާން ނެތް މަސްގަނޑުތައް އުފުލައިގެން ގެންދިޔައީ އެވެ.

undefined

އަމިއްލަ މީހާއަށް ނުލިބޭ އެއްވެސް މައުލޫމާތެއް އާއިލާގެ މީހަކު ނިޔާވި ކަމުގެ. ކޮންމެވެސް ބަޔަކު މަރުވެއްޖެ ކަން އެނގެނީ. ކޮންކޮން ބައެއް ކަން އެއިރަކު ނުބަލަން. އެހެން ހުއްޓާ ކޮންމެވެސް އާއިލާ މީހަކު އައިސް ކުޑަކޮށް އެވާހަކަ ދެއްކި. އެހެން ނަމަވެސް އާއިލާ މީހެއްގެ ވާހަކައެއް ނުބުނޭ. ދެން އެހެން ހުއްޓާ އިވެނީ މަންމަގެ ވާހަކަ.

އެހާދިސާގައި ނިޔާވި އެންމެންގެ ޤަބުރުގެ ފޮޓޯ ނަގަން ހުރި އަޚްތަރު އޭނާގެ މަންމަ ނިޔާވި ޚަބަރު އަޑު އެހީ ވަރަށް އަސަރާއެކު އެވެ. އެވަގުތު ވީ ގޮތެއްވެސް އޭނާއަށް ކިޔައިދޭކަށްވެސް ނޭނގުނެވެ. ހޮސްޕިޓަލްގެ ތެރޭ ޤަބުރުތައް އަތުރާފައި ތިބި އިރު ނެގި ފޮޓޯތަކުގައިވެސް މަންމަގެ ޤަބުރުގެ ފޮޓޯ ނެގިފައި ހުއްޓެވެ. ނަމަވެސް ހާސްވެފައި ހުރި ބޮޑު ކަމުން އެތަނުގައި އޭނާގެ މަންމަ އޮތް ކަމެއްވެސް އޭނާއަށް ނޭނގެއެވެ. މަންމަ ނިޔާވިކަންވެސް އެނގުނީ މީހަކު ބުނީމައެވެ.

އެ ޚަބަރު ދިން މީހާގެ ހުރި ވިސްނުން ތޫނުކަން އަސްލު ބޮޑަށް. ވަރަށް ދުރުން ދުރުން ގެނެސްފަ ވާހަކަ ބުނީވެސް. ތަންކޮޅެއް ސިކުނޑިއަށް ފަސޭހަކަހަލަ ގޮތަކަށް އެކަމަކުވެސް ހަމަ ސްޓަކްވި. ވީގޮތެއް ނޭނގޭ.

އެހިސާބުން އާއިލާގެ މީހުންނާމެދު ކަންބޮޑުވެ އެ ބޯޓުން ދަތުރުކުރި އާއިލާގެ އިތުރު މެމްބަރުންގެ ޚަބަރު ހޯދުމަށް އަޚްތަރު މަސައްކަތް ފެށިއެވެ. އަޚްތަރުގެ މަންމަގެ އިތުރުން އަޚްތަރުގެ އެއްބަނޑު އެއްބަފާ އެންމެ ހަގު އަންހެން ކޮއްކޮއާއި ބޮޑު ދައްތަވެސް އެ ބޯޓުގައި ދަތުރުކުރިއެވެ.

undefined

އަޚްތަރާ ކުރި އިންޓަވިއުގެ މިހާ ހިސާބުން ހިފެހެއްޓުމެއް ނެތި އޭނާގެ އިހުސާާސްތައް ބަންޑުންވެ ލޯ ކަރުނުން ފުރިގެން ދިޔައެވެ. އެ ހާދިސާގެ އަސަރު އޭނާގެ ހިތުގައި ބިންވަޅު ނެގިފައި ހުރި މިންވަރު ވަރަށް ސާފުކޮށް މޫނުމަތިން ފެނިގެން ދިޔައެވެ. މަންމަގެ ހަނދާންތައް ބޯ ވިލާގަނޑެއް ފަދައިން ހިތު ތެރޭ ފެތުރިގަތީ އެވެ. އެ މަންމަގެ މޫނު ސިފަވެ އެކަނިވެރިކަން އިހުސާސްވި ފަދައެވެ.

ކަށިން ހިތްވަރު ނެރެގެން އަނެއްކާވެސް އެދުވަހުގެ ހަނދާންތައް ހިއްސާކުރުމަށް އަޚްތަރު މަސައްކަތް ކުރިއެވެ. އެގޮތުން އެންމެ ލޯބިވާ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮގެ ވާހަކަ ފެށިއެވެ. އަމީޒާ އަޙުމަދުގެ ހަނދާންތައް ހަމަ އެވަގުތު އަޚްތަރުއާ ބައްދަލުކުރީ ތޫނު ތީރެއް ހިތަށް ހަރާލި ފަދައިންނެވެ. އެހިސާބުން ވާހަކަ ހުއްޓި އަނެއްކާވެސް ކަރުނުން ލޯ ފޯވިއެވެ. މަންމަ ނިޔާވިކަން އެ ހާދިސާ ހިނގިރޭ އެނގުނު އިރު އަމީޒާގެ ފުރާނަ ނެތް މަސްގަނޑު ފެނުނީ ޖެހިގެން އަދި ދުވަހު އެވެ.

ހާދިސާގެ ތެރޭގަ އެގޮތަށް އުޅެމުން ސީދާ ލޮލަށް ފެނުނު އެންމެ އަސަރުކުރާ މަންޒަރަކީ ކޮއްކޮ އަމީޒާ. އަމީޒާ ފެނުނީ ދޯނި މަތީގަ އެ ހާލަތު. އެއީ ވަރަށް އަސަރު ކުރި ހާލަތެއް. އެއްވެސް ބަޔަކު ކައިރިވިޔަކަ ނުދިން. އެންމެން ހިފަހައްޓައިގެން ތިބީ. މަންމަ މަރުވިކަން އެނގުނު އިރު އޮތީ ސާފުވެސް ކޮށްފަ ފޮތިގަނޑުވެސް އަޅާފަ. އެކަމަކު އަމީ ފެނުނީ އަނެއް ދުވަހު. ލައިވްކޮށް ފެނުނު އަމީ. މީހާވެސް އޮތީ ކުޑަކޮށް ފޮއްސިވެފަ ދެން. ވަރަށް އަސަރުކުރާ ކަހަލަ ގޮތަކަށް އޮތީ. އެއީ އެންމެ ބޮޑަށް އަސަރު ކުރުވި ކަމަކީ.

undefined

މަންމަ ނިޔާވި ޚަބަރާއެކު ނޫސްވެރިކަން ކުރަން ހުރި އަޚްތަރަށް އިތުރަށް ދެން އެކަން ކުރިއަށް ނުގެންދެވުނެވެ. އެހެންވެ ކެމެރާވެސް އެހެން މީހަކާ ހަވާލުކޮށް ފޮޓޯ ނެގުމަށް އެދުނީއެވެ. އެއަށްފަހު އަޚްތަރު މަސްއޫލުވެ އުޅުނީ ބޯޓުން ދަތުރުކުރި އާއިލާ މެމްބަރުންގެ ޚަބަރު އޮޅުން ފިލުވުމަށެވެ. އެ މަސައްކަތުގެ ތެރެއިން އަމީޒާގެ ހަށިގަނޑު ފެނުނު ހިސާބުން އަނެއްކާވެސް ހިތަށް މޮޅިވެރިކަމާއި ހިތްދަތިކަން ވެރިވިއެވެ. އެ ހާދިސާގައި އަޚްތަރުގެ އާއިލާއަށް ނިސްބަތްވާ 4 މީހަކު ވަނީ ނިޔާ ވެފައެވެ.

އެ އަނދިރި ރޭ ހިނގައިދިޔަ އެ ހިތާމަވެރި ހާދިސާއަށްފަހު ދުނިޔެ ދޫކުރި މީހުންގެ ހަށިގަނޑުތައް ފަސްދާނުލީ ޖެހިގެން އައި ދުވަހު އެވެ. އެ ފޮޓޯތައްވެސް އަޚްތަރު ރައްކާކުރިއެވެ. އެ ހާދިސާގެ ފޮޓޯތައް ނެގި ހަމައެކަނި ނޫސްވެރިޔާއަކީ އަޚްތަރު އޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ.

ދެން އަޚްތަރު ކުރިމަތިލާން ޖެހުނީ އެއަށްވުރެ ހިތްދަތިކަމާއެވެ. އެއީ ތިނަދޫ ސަހަރާ ހުންނަނީ ސީދާ އަޚްތަރުގެ ގޭ ކުރިމަތީގައި ކަމަށްވުމުން ގެއަށް ވަދެ ނުކުންނަ ކޮންމެ ފަހަރަކު މަންމައާއި ކޮއްކޮގެ ހަނދާން އާވެއެވެ. ސަހަރާގެ ދޮރާށިން އެތެރެއަށް ބަލައިލުމުން އެންމެ ފުރަތަމަ ފެންނަން ހުންނަނީ އެނަމާ ކާރިސާގައި ދުނިޔެ ދޫކުރި މީހުންގެ މަހާނަތައް ކަމަށްވުމުން އަޚްތަރުއަށް އެ ހަނދާންތަކާ ދުރަށް ދެވޭ ގޮތެއް ނުވެއެވެ. އެހެންވެ ރަށުން ބޭރުގައި މަހެއްހާ ދުވަސްވެސް ހޭދަކުރިއެވެ.

undefined

އެދުވަހުގެ ހަނދާންތައް އާ ކުރަމުން އަޚްތަރު ބުނީ ތިނަދޫ އެއްވެސް ރައްޔިތެއްގެ މޫނުމަތިން އެދުވަހު އަފާވެރިކަން ފެންނަން ނެތް ކަމަށެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައާއި ހިތްދަތިކަމެވެ. ރަށު ރައްޔިތުން އެދުވަހު ތިބި ހާލަތު ސިފަވި ފަދައެވެ. އެކަންކަން ހަނދާންވުމުން ބަސް ހުއްޓި އޭނާއަށް ގިސްލެވި, ރޮވުނެވެ. އެވާހަކަތައް އިތުރަށް ކިޔައިދިނުމުގެ ހިތްވަރުވެސް ނެތުނެވެ.

މިއީ އެނަމާ ކާރިސާ އެންމެ ގާތުން ކަވަރ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެ އުޅުނު ނޫސްވެރިޔާ, މުޙައްމަދު އަޚްތަރު އެދުވަހު ކުރި ތަޖުރިބާ އެވެ.

އެނަމާ ބޯޓުން ދަތުރު ކުރި 122 އެއްހާ މީހުންގެ ތެރެއިން 24 މީހަކު މި ދުނިޔެ ދޫކޮށްދިޔައިރު، ދެ މީހަކު މިއަދާ ހަމައަށްވެސް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.

غفر الله لهم و رحمهم

އެ އެންމެހާ އަޚުންނާއި އުޚްތުންނަށް ﷲ ފާފަ ފުއްސަވައި ރަޙުމަތް ލައްވާށި. އާމީން.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ