logoEN
cocacola
އަބޫ ޞަހެރުލް މަޣާރީ: ޣައްޒާގައި ޝަހީދުވާ މީހުން ކަފުންކުރާ މީހާ

އަބޫ ޞަހެރުލް މަޣާރީ: ޣައްޒާގައި ޝަހީދުވާ މީހުން ކަފުންކުރާ މީހާ

އައިޝަތު އިފާޝާ

logo

11/11/2023, 7:30:58 PM

4S2A3130-1699603042 copy

މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ކޮންމެ ދުވަހަކުހެން އެތައް ސަތޭކަ ބަޔަކު ޝަޙީދުވެފައިވެއެވެ. ޔަހޫދީންގެ ހަމަލާތަކަށް މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިހާތަނަށް 11،000 އަށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުވެފައެވެ.

ގޮސިޔާ

ޔަހޫދީންގެ ހަމަލާތަކާއި އެ ބިރުވެރިކަމުގެ ސަބަބުން ޣައްޒާއަށް ވަނީ އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައެވެ. މީހުން ވަޅުލުމަށް ގަބުރުސްތާންތައް ފުރި އެތައް ސަތޭކަ ބައެއްގަ ހަށިގަނޑު ވަނީ އެހެނިހެން ތަންތަނުގައި ވަޅުލާން މަޖުބޫރުވެފައެވެ.

އެތައް ހާސް ބަޔަކު ޝަހީދުވެގެން ދިއުމާއި، ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ކަށުކަމާކެމީގެ ކަންތައް ކުރުމުގައިވެސް އެތަކެއް ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ޝަހީދުވި އެތައް ސަތޭކަ ބައެއްގެ ކަށުކަމާކެެމީގެ ކަންތައް ކޮށް ޣައްޒާގެ އަބޫ ޞަހެރު އަލްމަޣާރީ ގެންދަނީ ވަރުބަލިކަމެއްނެތި މަހަކަށްވުރެ ގިނަ ދުވަހު އެ ޚިދުމަތްދެމުންނެވެ.

ހުދުކުލައިގެ މުށި ޖަހާފައި ހުރި ކުޑަކުޑަ ކޮޓަރިއެއްފަދަ ތަނެއްގައި ކޮންމެ ދުވަހަކުވެސް އަބޫ ޞަހެރު އަލްމަޣާރީ ވަރަށް ބުރަކޮށް މަސައްކަތް ކުރެއެވެ. ޝަހީދުވެގެން ގެންނަ މީހުންގެ ކަށުކަމާކެމީގެ ކަންތައް ކުރުމަށް ކޮންމެ ދުވަހަކުވެސް އެތައް ގަޑިއިރެއް ވަންދެން ހުރެއެވެ.

އަބޫ ޞަހެރު އަލްމަޣާރީ މި ޕްލެޓްފޯމްގެ މަތީގައި ހުންނެވިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޣައްޒާގެ މެދުތެރޭގައި ހުންނަ އަލްއަޤްޞާ ހޮސްޕިޓަލަށް އަންނަމުންދާ ޝަހީދުވި މީހުންގެ ހަށިތައް ކަފުން ކުރުމުގައި ހޭދަކުރެއެވެ.

އުމުރުން 53 އަހަރުގެ އަބޫ ޞަހެރު އަލްމަޣާރީ އަކީ ވޭތުވެދިޔަ 15 އަހަރު އެ ހޮސްޕިޓަލުގައި ނިޔާވި މީހުންނާއި ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ކަށުކަމާކެމީގެ މަސައްކަތް ކުރަމުންދާ މީހާއެވެ. އަދި މިދިޔަ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އޭނާއަސް ވަނީ އެތައް ސަތޭކަ ބައެއްގެ ކަށުކަމާކެމީގެ ކަންތައް ކުރަން ޖެހިފައެވެ. އޭގެ ތެރޭގައި ހަށިގަނޑުގެ އެކި ބައިތައް ވަކިވެފައިވާ މީހުންވެސް ހިމެނެއެވެ.

ފެނުނު ހަށިގަނޑާ ބެހޭގޮތުން ސުވާލުކުރުމުން އަލްމަޣާރީ ރޯން ފެށިއެވެ. "ހަޔާތުގައި ދުވަހަކުވެސް މިހާ އުނދަގޫ ދުވަސްތަކެއް ތަޖުރިބާކޮށްފައެއް ނުވޭ،" ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އަލްމަޣާރީ ވިދާޅުވިއެވެ.

undefined

އަލްމަޣާރީ ވިދާޅުވިގޮތުގައި، އެމަސައްކަތް މީގެ 15 އަހަރު ކުރިން ފެށިގެން އޭނާ ކުރަމުންދާއިރު ދުވާލެއްގެ މައްޗަށް 30 އިން ފެށިގެން ގިނަވެގެން 50 އާ ދެމެދުގެ އަދަދަކަށް ކަފުން ކުރެވިފައިހުންނާނެ ކަމަށެވެ. އަދި ބައެއް ފަހަރު ޔަހޫދީންގެ ހަމަލާތަކުގައި ގާތްގަނޑަކަށް އެ އަދަދު 60 އަށްވުރެ ގިނައިން އިތުރުވެގެން ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގައި ކޮންމެ ދުވަހަކުވެސް 100 އެއްހާ ހަށިގަނޑު އެ ހޮސްޕިޓަލަށް ގެންނަ ކަމަށާއި ބައެއް ދުވަސްދުވަހު އެ އަދަދު 200 އަށް އަރާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި، ހަމަލާތައް ފެށުނުފަހުން އެ ހޮސްޕިޓަލަށް ގެންނަ ގިނަ ހަށިގަނޑުތައް އޮންނަ ހާލަތަކީ މީގެ ކުރިން އޭނާއަށް ތަޖުރިބާ ކުރެވިފައިވާކަންތައްތަކެއް ނޫން ކަމަށެވެ. އެގޮތުން ބޮޑެތި ޒަޚަމްތަކާއި، އަތާއި ފައި ބުރިވެފައިވާ ހަށިތައްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ހޮސްޕިޓަލަށް ގިނައިން ގެންނަނީ ކުޑަކުދިންނާއި އަންހެނުންގެ ޝަހީދުވެފައިވާ ހަށިތައް ކަމަށާއި، އެ މީހުންނަށް ލިބިފައިވާ ޒަޚަމްތަކަކީ ބަލަން އުނދަގޫ ކަންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް އެންމެ ބޮޑު ހިތާމައެއް ލިބެނީ ކުޑަކުދިން ތިބޭ ހާލު ފެނުމުން، ކުޑަކުދިންގެ ގުނަވަންތައް ވަކިވެފައިވާ ހަށިގަނޑުތައް ކަފުން ކުރަމުންދާއިރު ހިތް ފަޅައިގެންދާ ވަރުވޭ. އެކުދިންގެ ކުށަކީ ކޮބާ؟" - އަލްމަޣާރީ ވިދާޅުވި އެވެ.

އަލްމަޣާރީ ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ކަށުކަމާ ކެމީގެ މަސައްކަތް އޭނާ އެންމެ ހެނދުނު ފަށާކަމަށެވެ. އަދި މަސައްކަތް ނިންމާލެވެނީ ކޮންމެ ދުވަހަކުވެސް ރޭގަނޑު އަށެއްޖަހާ އެހާކަންހާއިރު ކަމަށެވެ.

undefined

އަލްމަޢާރީ ވިދާޅުވީ، ޔަހޫދީންގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގައި ޝަހީދުވެފައިވާ ހަށިތައް އެތައް ދުވަހެއް ފަހުންވެސް އެ ހޮސްޕިޓަލަށް ގެންނަ ކަމަށާއި، އެ ހަށިތައް ގެންނައިރުވެސް ހަލާކުވެފައިވުމުގެ ސަބަބުން ކެތްކުރަން އުނދަގޫވަރަށް ނުބައި ވަސް ދުވާ ކަމަށެވެ.

ކޮންމެ ދުވަހަކުވެސް އަލްމަޣާރީ އޭނާގެ ވަޒީފާ އަދާކުރަނީ އަބަދުވެސް ކުރަމުންދާ ފަދައިންނެވެ. އަދި ޝަހީދުވި މީހުންގެ އާއިލާގެ މެންބަރުންނަށް ލޯބިވާ މީހުންނަށް އަލްވަދާއު ކިޔުމުގެ ހައްގު އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ހާލަތެއްގައި ތިބި އެތައް ސަތޭކަ ހަށިގަނޑުތަކެއް ކޮންމެ ދުވަހަކު ފެންނަމުން ދިއުމަކީ އޭނާއަށް ނަފްސާނީގޮތުން އުނދަގޫ ކުރުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ހާލަތަކާ ކުރިމަތިލުމަށް ނަފްސާނީ ހަރުކަށިކަން ހުންނަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް އޭނާއަށް ހަގީގީ އެތައް އިމްތިހާންތަަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

މި ނުރައްކާތެރި ހާލަތްތަކުގައި އަލްމަޣާރީ ކުރައްވާ މަސައްކަތުން ޣައްޒާ ސިޓީގެ މެދުގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ އޭނާގެ އާއިލާއާ މެދު ވިސްނުމުގެ ފުރުސަތެއް އޭނާ އަކަށް ނުލިބެ އެވެ.

އެހެން ހުރިހާ މައިންބަފައިންނެކޭ އެއްފަދައިން އަލްމަޣާރީވެސް އޭނާގެ އާއިލާގެ ހާލަތާމެދު ކަންބޮޑުވެއެވެ. އަދި ދަރިންނާއި އާއިލާ މެމްބަރުންނާ ވާހަކަ ދައްކާލެވެނީ ވަރަށް މަދުންކަން އޭނާ ފާހަގަކުރެއެވެ. ކޮންމެ ރެޔަކުވެސް މަސައްކަތް ނިންމާލުމަށްފަހު އެނބުރި ގެއަށް އައިސްވެސް އޭނާއަށް އާއިލާއާ ވާހަކަ ނުދެއްކޭ ކަމަށް އަލްމަޣާރީ ވިދާޅުވިއެވެ. އަދި ކިތަންމެ ހަނދާން ވިޔަސް އޭނާ އެކަނިކޮށްލަން އާއިލާ ކައިރީ އެވަގުތު ބުނެވޭ ކަމަށް އަލްމަޣާރީ ވަރަށް އަސަރާއެކު ވިދާޅުވިއެވެ.

ޔަހޫދީންގެ ޝިކާރައަކަށް އޭނާގެ ލޯބިވާ އާއިލާވެގެން ހިނގައިދާނެ ކަމުގެ ބިރު އޭނާއަށް އަބަދުވެސް އޮވެއެވެ. އޭނާގެ އަނބިދަރިން ޔަހޫދީންގެ ޝިކާރައަކަށްވެ އެމީހުންގެ ކަށުކަމާކެމީގެ ކަންތައްވެސް ކުރަން ޖެހިދާނެ ކަމަށް އަލްމަޣާރީއަށް ގަބޫލުކުރެވެއެވެ.

ފާއިތުވި 34 ދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 11،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 4،400 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2،900 އަންހެނުން ހިމެނެއެވެ. އެ ހާލަތާއި ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ޣައްޒާ އަކީ ކުޑަކުދިންގެ "ގަބުރުސްތާނެއް" ގެ ގޮތުގައި ސިފަކުރައްވާފައެވެ.

އަލް އަގްސާ ޝަހީދުންގެ ހޮސްޕިޓަލުގެ ތަރުޖަމާނު މުހައްމަދު އަލް ހައްޖު ވިދާޅުވީ ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުނީއްސުރެ ފަލަސްތީނުގެ 2،476 މީހެއްގެ ހަށިގަނޑު އެހޮސްޕިޓަލަށް ގޮސްފައިވާ ކަމަށެވެ.

އަލްޙައްޖު ވިދާޅުވީ ހަނގުރާމައިގެ ކުރިން އެ ހޮސްޕިޓަލުގައި ބަލި މީހުންނަށް 200 އެނދުގެ ކެޕޭސިޓީ ހުރި ނަމަވެސް ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ޒަޚަމްވެފައިވާ މީހުން ގެނައުމުގެ ސަބަބުން އެ އަދަދު 5،300 އަށްވުރެ އިތުރު ކުރަން މަޖުބޫރުވި ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ