
--
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސަލްމާން ޚާން އާއި ސަންޖޭ ދަތުގެ ޚާއްޞަ ފެނިލުމެއް ހިމެނޭ ބައިނަލްއަޤްވާމީ އެކްޝަން ތްރިލަރ ފިލްމު "7 ޑޯގްސް" މިމަހުގެ 21 ވަނަ ދުވަހު އިންޑިއާގައި ރިލީޒްކުރަން ހަމަޖެހިއްޖެއެވެ.
މިއީ ސައުދީ އަރަބިއްޔާ އަދި މިސްރު ގުޅިގެން އުފައްދާފައިވާ ވަރުގަދަ ފިލްމެކެވެ.
ގާތްގަނޑަކަށް 40 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމަކީ އަރަބި ބަހުން މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމެވެ. މި ފިލްމުގެ މައިގަނޑު ތަރިންނަކީ މިސްރުގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އަޙްމަދު އިއްޒު އަދި ކަރީމް އަބްދުލް އަޒީޒް އެވެ.
މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ އާދިލް އެލް އަރްބީ އާއި ބިލާލް ފައްލާޙް އެވެ. އިންޑިއާގައި މި ފިލްމު ރިލީޒްކުރާނެކަން އިއުލާންކުރުމުގެ ގޮތުން، ސަލްމާން ޚާން ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ފިލްމުގެ ޓްރެއިލަރ ވެސް ދާދި ފަހުން ހިއްސާކޮށްފައެވެ.
މި ފިލްމުގައި ސަލްމާން ޚާން ފެނިގެންދާނީ 'ޖޯހަރް' ކިޔާ އަންޑަވޯލްޑް ލީޑަރެއްގެ ރޯލުންނެވެ. އަދި ސަންޖޭ ދަތު ފެނިގެންދާނީ ހަތިޔާރުއެޅި ގޭންގެއްގެ ކޮމާންޑަރެއް ކަމަށްވާ 'ރަންޖީތު' ގެ ރޯލުންނެވެ.
މެދުއިރުމަތީގެ ޤައުމުތަކުގައި މިދިޔަ މެއި މަހު މި ފިލްމު ވަނީ ރިލީޒްކޮށްފައެވެ. ނަމަވެސް އިންޑިއާގެ ސިނަމާތަކަށް މި ފިލްމު އަންނާނީ ހިންދީ އަދި އިނގިރޭސި ބަހަށް ޑަބްކޮށްގެންނެވެ.
ސަލްމާނާއި ސަންޖޭ އެކުގައި ބޮޑު ސްކްރީނުން ފެނިގެންދާތީ، އިންޑިއާގެ ސަޕޯޓަރުން ތިބީ މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ.












