ދެވަނަ ޑިވިޝަނުގެ ޗެންޕިއަން މަސްއޮޑި ސްޕޯޓްސް ކްލަބުގެ ނަން "އޮޑި ސްޕޯޓްސް ކުލަބަށް" ރީބްރޭންޑްކޮށްފި
ހަސަން ޝަމްއޫން
5/10/2024, 12:00:00 AM
މަސްއޮޑި ސްޕޯޓްސް ކުލަބު ރީބްރޭންޑް ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ވަގުތު
މިދިޔަ އަހަރު ބޭއްވުނު ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަން މަސްއޮޑި ސްޕޯޓްސް ކުލަބުން އެކުލަބުގެ ނަން އޮޑި ސްޕޯޓްސް ކުލަބަށް ރީބްރޭންޑް ކޮއްފިއެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ފެށުމުގެ ގޮތުންނާއި އެޓީމައި އަލަށް ގުޅުނު ކުޅުންތެރިން ތައާރަފް ކުރުމުގެ ގޮތުން މިރޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި އެކުލަބުގެ ކުރީގެ ނަން އޮޑި ސްޕޯޓްސް ކުލަބަށް ރީބްރޭންޑް ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ އިއްޒައްތެރި މެންބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ.
މި ރަސްމިއްޔާތުގައި އޮޑި ސްޕޯޓްސް ކުލަބްގެ އިސް ވެރިންނާއި, ކުޅުންތެރިންގެ އިތުރުން ކުލަބާ އަލަށް ގުޅުނު ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އޮޑި ސްޕޯޓްސް ކުލަބްގެ އާ ލޯގޯ އާއި, އަންނަ ސީޒަނުގައި އެ ޓީމުން ބޭނުން ކުރާނެ ޖާޒީ ވެސް ދައްކާލާފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮޑި ސްޕޯޓްސް ކުލަބުގެ ޖެނެރަލް ސެކްރެޓެރީ އަލީ ޝިފާޒް ވަނީ މަސްއޮޑި ސްޕޯޓްސް ކްލަބްގެ ގޮތުގައި މިހިސާބައް އައުމަށް ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫންކަން ފާހަގަ ކޮށްފައެވެ. އަދި ކްލަބް ރީބްރޭންޑް ވެގެން ދިއުމާއެކީ ކްލަބުގެ އަމާޒަކަށް ވެގެންދާނީ ފުޓްބޯޅަ ނޫން އެހެން ކުޅިވަރުތަކުން ވެސް ކުރިއަށް ދިއުން ކަމަށާއި އެގޮތުގެ މަތިން މިއަހަރުން ފެށިގެން އެހެން ކުޅިވަރުތަކުގައި ވެސް އެ ކްލަބް ފެނިގެންދާނެ ކަމަށް ޝިފާޒް ފާހަގަކުރެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި އޮޑި ސްޕޯޓްސް ކްލަބް އާއި ގުޅުނު ކުޅުންތެރިންގެ ތެރޭގައި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ތަށި ކާމިޔާބުކުރި ޓީމުގައި ހިމެނުނު އަދި މިހާރު ގައުމީ ޓީމުގެ ވައިސް ކެޕްޓަން ހުސެއިން ނިހާންގެ އިތުރުން ސަޔަމް ސައީދު، މުހައްމަދު މިންވާލް، ހައިޝަމް ރަޝީދު، މުހައްމަދު މުސްލިހުގެ އިތުރުން މުހައްމަދު ރަޝީދު (ހޮކޭ) ހިމެނެއެވެ.