ޕާކިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 20 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ބަލޮޗިސްޓަން އަވަށަށް އައި ބާރުގަދަ ބިންހެލުމެއްގައި 20 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަޚަމް ވެއްޖެއެވެ.

މި ބިންހެލުމުގައި 5.9 މެގްނިޓިއުޑް ހުރިކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ގިނަ ގެ ތަކަށާއި ގިނަ ބައެއްގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް އެ ޤައުމުގެ މިލިޓަރީން ފަށާފައިވާއިރު ބިންހެލުމުގައި އެންމެ ބޮޑުވަރުވި ހިސާބުތަކުގައި މިލިޓަރީ ޑޮކްޓަރުންނާއި ޕެރެމެޑިކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެންމެ ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވަނީ ހާނައި ޑިސްޓްރިކްޓުންނެވެ. އެ ޑިސްޓްރިކްޓުގެ މީހެއް ބުނެފައިވަނީ ބިންހެލުމުގެ ބާރުގަދަކަމުން ބިންހެލުން އައި ވަގުތު އޭނާ ހޭނެތިގެން ވެއްޓުނު ކަމަށެވެ. އަދި އޭނާއަށް ހޭލެވުނު އިރު އޭނާގެ ދެ ދަރިންގެ ތެރެއިން އެންމެ ހަނގު ދަރިފުޅު އޮތީ މަރުވެފައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިއާއެކު ޕާކިސްތާނުގެ ބޮޑުވަޒީރު، އިމްރާން ޚާން ވަނީ މި ހާދިސާގައި މަރުވި އެންމެހާ ފަރާތްތަކަށް ތައުޒިޔާ ކިޔާފައެވެ. އަދި އެހީތެރިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ލަސްނުކޮށް ހިދުމަތްތައް ފޯރުކޮށްދޭނެކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް