ލަންކާގެ ފުރަބަންދު އުވާލަނީ

ކޮވިޑް19އާ ގުޅިގެން އަވަށްޓެރި ސްރީލަންކާގައި ކާފިއު އިއުލާންކޮށްފައި އޮތް އޮތުން ނިމުމަށް ގެނައުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓަރު ކެހެލިޔާ ރަމްބުވެލާ އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ ފަތިހު 04:00 އިން ފެށިގެން ލަންކާގެ ފުރަބަންދު އުވައިލަން ނިންމާފައިވާ ކަމަށެވެ. ލަންކާގެ ފުރަބަންދު އުވާލަން ނިންމާފައި މިވަނީ އެގައުމު ފުރަބަންދު ކޮށްފައި އޮންނަތާ ހަ ހަފްތާ ފަހުންނެވެ.

ފުރަބަންދު އުވާލި ނަމަވެސް އަދިވެސް އާއްމު ދަތުރު ފަތުރުތައް ފެށުން ވަނީ މަޑު ޖައްސާލާފައެވެ. އެހެންކަމުން ބަސް ދަތުރުތަކާއި ރޭލް ދަތުރުތަކެއް އަދި ވެސް ނޯންނާނެއެވެ. އާއްމު ދަތުރުތައް ފަށަން އަދި ނިންމާފައި އޮތީ ދެހަފްތާ ފަހުންނެވެ. ބަސް ދަތުރުތައް މިހާރު ކުރާނީ ހަމައެކަނި ޕްރޮވިންސްތަކުގެ އެތެރޭގައެވެ.

ކޮވިޑް ކުރިމަތިވިއިރު ވެސް އިގްތިސޯދީ މައްސަލަތަކެއްގެ ތެރޭގައި އޮތް ލަންކާގެ އިގްތިސޯދީ ހާލަތު މިހާރު ވަނީ އިތުރަށް ގޯސްވެފައެވެ. އެގޮތުން އެގައުމުގައި އަޅަން ޖެހުނު ފިޔަވަޅުތަކުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީއަށް ވަނީ އަސަރު ކޮށްފައެވެ.

ސްރީލަންކާ އިން މިހާތަނަށް 516,465 މީހުން ކޮވިޑަށް ފައްސިވެ 12,847 މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. އޮގަސްޓް މަހު ސްރީލަންކާ އިން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ހަހާހަށް ވެސް އެރިއެވެ. ނަމަވެސް ފުރަބަންދުގެ ސަބަބުން ފައްސިވާ މީހުންގެ އަދަދު މަދުވެ، މިހާރު ދުވާލަކު ފައްސިވާ މީހުންގެ އަދަދު ހުރީ 900 ގައެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް