ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ވާދަކޮށް 1-1 އިން ރޭ އެއްވަރުވުމުން ޗެލްސީން ތައްޓަށް ކުރަމުން އައި މަސައްކަތައް ހުރަސްތަކެއް އެޅިއްޖެއެވެ.
ބްރައިޓަންގެ ހޯމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޗެލްސީންނެވެ. ހަކީމް ޒިޔެޗް ފުރަތަމަ ހާފުގައި ލީޑު ނަގައިދީފައި ވަނިކޮށް ބްރައިޓަން އިން އެއްވަރުކުރި ގޯލުޖަހައި ދީފައިވަނީ ދެވަނަ ހާފުގައި އެޑަމް ވެބްސްޓާ އެވެ. މިނަތީޖާއާ އެކު ލީގު ތަށި ނެގުމަށް ޗެލްސީން ކުރަމުން އައި މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ.
ޕްރިމިއާ ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗު ވަނީ އެއްވަރުވެފައެވެ. އެއް މެޗުން މޮޅުވެފައި ވާ އިރު އެއް މެޗުން ވަނީ ބަލިވެފަ އެވެ. މިހާރު ޕްރިމިއާ ލީގުގެ ތާވަލުގައި ވާގޮތުން ޗެލްސީ ތިންވަނައިގައި އޮތީ 23 މެޗުން 44 ޕޮއިންޓާ އެކު އެވެ. އަދި ދެ ވަނައިގައި އޮތް ލިވަޕޫލް ވަނީ 21 މެޗުން 45 ޕޮއިންޓް ހޯދައިފަ އެވެ. އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 22 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ.
ޕްރިމިއާ ލީގުގައި އަންނަ އާދިއްތަދުވަހުގެ ރޭ ޗެލްސީ ދެންކުޅޭނީ، ތާވަލުގެ ހަވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށެވެ. ޗެލްސީއަށް ވުރެ 10 ޕޮއިންޓް މަދުން ޓޮޓެންހަމް ހަވަނައިގައި އޮތީ އެ ޓީމަށްވުރެ ފަސް މެޗު މަދުން ކުޅެގެންނެވެ.