ހަމަ އެ ދެ ނަމްބަރު، ހަމަ އެ ސެލެބްރޭޝަން

ރާއްޖެއާއި ބަންގްލަދޭޝް ރޭ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި މެޗަކީ ހުރިހާ ގޮތަކުންވެސް ދިވެހިންނަށް ފާހަގަކޮށްލެވޭ މެޗެކެވެ. އެތަށް ދުވަހަކަށްފަހު ދިވެހި ޤައުމީޓީމަށް ސަޕޯޓްކުރުމަށްޓަކައި ގަލޮޅު ރަސްމީ ދަނޑު ދިވެހިން ފުރުވާލީ މޮޅަކަށް ފެންބޮވައިގެންތިބެއެވެ. 12 ވަނަ ކުޅުންތެރިޔާއަށް އެދި ޤައުމީ ޓީމުގެ ކުޅުންތެރިން ކުރި އާދޭސް އަޑުއަހައި ގަލޮޅު ރަސްމީ ދަނޑުން ފެނިގެން ދިޔައީ އަހަރަމެން ކޮންމެ މީހަކުވެސް އެންމެ ބަލާލަން ބޭނުންވެފައި ތިބި މަންޒަރެވެ. ރަތް ލަޝްކަރު އޮތީ ޤައުމީ ޓީމުގެ ފަހަތުގައި އެވެ. މެޗުގެ ފަހު ކަށިގަނޑާއި ހަމައަށްވެސް އެއަޑެއް ނުކެނޑެއެވެ.

މިކަން މިހެން އޮތުމާއި އެކުވެސް ރާއްޖޭގެ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ރޭގެ މެޗުން މޮޅުވުން މުހިންމު ވިއެވެ. އިއްޔެ ފާހަގަކުރި ރާއްޖޭގެ ޤައުމީ ދުވަހު އެކުޅުންތެރިން މި ޤައުމު މާޔޫސްކޮށްލަން ބޭނުންނުވިއެވެ. ދަނޑުމަތިން އެކަން ރާއްޖޭގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ސާބިތުކޮށްދިނެވެ. ރާއްޖެއިން ދެއްކީ ތައުރީފް ހައްޤު ކުޅުމެކެވެ. ފަހުގެ ތާރީހެއްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ފަރާތުން ނުފެންނަ ވަރުގެ މޮޅު ކުޅުމެކެވެ.

ރޭގެ މެޗު ރާއްޖެ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގައި ކުރިޔަށް ދިޔުމަށް ރާއްޖެއަށް ވަރަށް މުހިންމު ނަތީޖާއެކެވެ. ރޭގެ މެޗުން އަހަރަމެންނަށް ވަރަށް ތަފާތު ކަންކަން ވަނީ ފެނިގެން ގޮސްފައި އެވެ. އެގޮތުންވެސް އެންމެ ބޮޑަށް ފާހަގަވި އެއްކަމަކީ މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރ އަދަދުގެ ފޮޓޯ ޖާނަލިސްޓް ހުސައިން ޝަޔާހް ކަނޑާލި މި ފޮޓޯ ގަނޑެވެ.

ރޭގެ މެޗުގައި ހަމްޕުއާއި ދަނގަޑޭ އުފާފާޅުކުރަނީ :- ފޮޓޯ | އަދަދު

މި ފޮޓޯ ފެނުމުން މި ފޮޓޯ އެންމެ ބޮޑަށް ސިފަ ވަނީ ކޮން ފޮޓޯއަކާއިތޯ ސުވާލު ކޮށްލައިފި ނަމަ ގިނަ މީހުންގެ ޖަވާބު އެއްގޮތް ވާނެ އެވެ. އެ ޖަވާބު އެއްގޮތް ވާ ސަބަބުތަށް ބައިވަރެވެ. ފޮޓޯއިން ފެންނަ ދެކުޅުންތެރިންގެ ޖާޒީ ނަމްބަރާއި ސިފަ މިކުރާ ފޮޓޯއިން ފެންނަ ދެކުޅުންތެރިންގެ ޖާޒީ ނަމްބަރު ދިމާވެއެވެ. އަދި ފޮޓޯގައި ތިބި ގޮތް ވެސް ދިމާވެއެވެ.

އެއީ 1970 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލްގައި އިޓަލީއާއި ދެކޮޅަށް ބްރެޒިލްގެ ތަރި ޕެލޭ ޖެހި ގޯލަށް ފަހު އުފާފާޅުކުރަމުން ދަނިކޮށް ނެގި ފޮޓޯއެކެވެ. އެފޮޓޯގައި ޕެލޭގެ ސެލެބްރޭޝަން ރޭގެ މެޗުގައި ހަމްޕުގެ ސެލެބްރޭޝަނާއި އެއްގޮތެވެ.

1970 ވަނަ އަހަރުގެ އަހަރުގެ ވޯލްޑް ކަޕުގައި ޕެލޭ އުފާފާޅުކުރަނީ

ޕެލޭ އެމެޗުގައި ކުޅެމުން އައީ ބްރެޒިލްގެ 10 ނަމްބަރަށެވެ. ރާއްޖެ ޓީމުގެ 10 ނަމްބަރު ޖާޒީއަށް މިހާރު ކުޅެމުން އަންނަނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ބްރެޒިލްގެ 7 ނަމްބަރުގެ ޖާޒީގައި އެމެޗު ކުޅުނީ ޖައިރްޒީނިއޯ އެވެ. ރޭގެ މެޗުގައި ރާއްޖޭގެ 7 ނަމްބަރު ޖާޒީގައި ފެނިގެންދިޔައީ ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު އަލީ އަޝްފާގްއެވެ.

ރޭ ހަމްޕު ޤައުމީ ޓީމަށް ޖަހައިދިން ގޯލަކީ ރާއްޖޭގެ ޓީމަށް ވަރަށްވެސް މުހިންމު ގޯލެކެވެ. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޤައުމީ ޓީމަށް ކާމިޔާބުވި ފުރަތަމަ ގޯލެވެ. އަދި މި މުބާރާތުގައި މިހާތަނަށް ޖެހި އެންމެ ތަފާތު ގޯލުވެސްމެއެވެ. އެ ގޯލަކީ، ގޯލުގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް އޯވާހެޑަކުން ގޯލުގެ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައިވާ ގޯލެވެ.

މީސްމިޑިއާގައި މިހާރު މި ދެފޮޓޯ ދަނީ ވައިރަލް ވަމުންނެވެ. ކޮންމެއަކަސް މިއީ ދިވެހިންނަށް ތާރީހީ ފޮޓޯ އެކެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް