ތިނަދޫ އާބާދީ55ގެ ފުޓްބޯޅަ މެޗުގެ ކޮމެންޓްރީ ސާއިދު ގެނެސްދިނީ ހުވަދޫ ބަހުން

ތިނަދޫ އާބާދީ55 މުނާސަބާ ފާހަގަކުރަން ކުރިއަށް ގެންދިޔަ ފުޓްބޯޅަ މެޗުގެ ކޮމެންޓްރީ ދިނުމުގައި ސާއިދު ހަރަކާތްތެރިވަނީ -- ގާފު ފޮޓޯ

ގދ. ތިނަދޫއަށް އުފަން, މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ, ސާއިދު އަހްމަދަކީ އިތުރު ތައާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. ފުޓްބޯޅަ ކޮމެންޓަރީ ދާއިރާގައި ފުންނާބު އުސް ސާއިދަކީ މިއަދު ރާއްޖޭގައި ކޮމެންޓްރީ ގެނެސްދޭ މަދު ނޫސްވެރިންގެ ތެރޭގައިވެސް ފާހަގަކޮށްލެވޭ ކުޅަދާނަ ޒުވާނެކެވެ. ކިޑްނީ ބަލީގެ ވޭން ތަހައްމަލް ކުރަމުންދާއިރުވެސް ރާއްޖޭގެ ކުޅިވަރު ދާއިރާއަށް ހުންނަ ލޯތްބަކާއި ކުލުނެއްގެ ސަބަބުން އެ ދާއިރާއާ ދުރުވާން ސާއިދު ބޭނުމެއް ނުވެއެވެ.

ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ނޫސްކަމަށްވި, ސަން އޮންލައިންގެ ޕޭރެންޓް ކުންފުނި, ސަން މީޑިއާ ގްރޫޕްގެ ކުޑައިގެ ދަށުން ހިންގި ސަން އެފްއެމް ރޭޑިއޯއިން ނޫސްވެރިކަމަށް ނުކުމެ މިއަދު ޕީއެސްއެމް ގައި މަސައްކަތްކުރާ ސާއިދަކީ ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން ކުޅިވަރު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓުކުރާ ހަރަކާތްތެރި ޕްރެޒެންޓަރެކެވެ. ރާއްޖެއާއި ދުނިޔޭގައި ހިންގާ ކުޅިވަރު މުބާރާތްތަކުގެ ކޮމެންޓްރީ ދިނުމުގައި ސާއިދުގެ ނަމާއި އަޑު "ބާރު ގަދަ" އެވެ.

ގދ. ތިނަދޫގެ އާބާދީ55 ފާހަގަކުރުމަށް ބޭއްވި ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން — ގާފު ފޮޓޯ: ޝަޖާއަތު އަޙްމަދު

އޭއެފްސީ ކަޕުގެ ބައެއް މެޗުތައް ކަވަރ ކުރުމަށްފަހު ސާއިދު އޭނާގެ އުފަން ރަށް, ތިނަދޫއަށް އައީ މިމަހުގެ 8 ވަނަ ދުވަހު އެވެ. ކަން ދިމާކުރި ގޮތުން, ތިނަދޫގައި އަލުން ވަޒަންވެރިވުން ފާހަގަކުރުމަށް ބާއްވާ އާބާދީ55ގެ ހަރަކާތްތައް ބާއްވަން ތާވަލްކޮށްފައި އޮތް ތާރީޚާވެސް ސާއިދުގެ ޒިޔާރަތާ އޮތީ ގުޅިފައެވެ. ތިނަދޫގެ އާބާދީ55 ފާހަގަކުރުމަށް މިއަދު ހަވީރު އެރަށު ބޯޅަދަނޑުގައި ބޭއްވި އެކުވެރިކަމުގެ މެޗުގެ ކޮމެންޓްރީ ދިން އިރު ސާއިދުގެ ފަރާތުން ފެނުނީ ތަފާތު ހުނަރެކެވެ.

މާލޭ ބަހުރުވައިން ނުވަތަ ދިވެހި ރަސްމީ ބަހުން ކޮމެންޓްރީ ގެނެސްދޭ މީހަކު އެހެން ބަހުރުވައަކުން ކޮމެންޓްރީ ގެނެސްދިނުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ. ޚާއްސަކޮށް ހުވަދޫ ބަހުން ކޮމެންޓްރީ ގެނެސްދިނުމުގައެވެ. އެއީ މާލޭ ބަހާއި ހުވަދޫ ބަހުގައި ހުންނަ ތަފާތު ބަސްތަކާއި ވާހަކަ ދެއްކުމުގެ ވައްޓަފާޅީގެ ގޮތުންނެވެ. އެހެން ނަމަވެސް ސާއިދުގެ ފަރާތުން މިއަދު ތިނަދޫ ދަނޑުން ފެނިގެން ދިޔައީ ހުނަރުވެރިކަމާއި ކުޅަދާނަ ކަމެވެ. އަދި އެ ދާއިރާގައި އޭނާގެ ޤާބިލްކަމާއި ފަންނުވެރިކަމެވެ.

ސާއިދު ބުނީ އާބާދީ55 ގެ ފުޓްބޯޅަ މެޗުގެ ކޮމެންޓްރީ ގެނެސްދިނީ, އެ ހަރަކާތުގެ އެކި ކަންކަމުގައި އިސްވެ އުޅޭ ޓީމަކީ އޭނާގެ ކެމްޕެއިން ޓީމު ކަމަށްވެފައި, އެ ޓީމުގެ ދައުވަތް ޤަބޫލުކުރުމުގެ ގޮތުން ކަމަށެވެ. އަދި ތިނަދޫއަށް އައީވެސް އެ މެޗުގެ ކޮމެންޓްރީ ގެނެސްދިނުމުގެ ބޭނުމުގައި ކަމަށްވެސް އޭނާ ބުންޏެވެ.

ގދ. ތިނަދޫގެ އާބާދީ55 ފާހަގަކުރުމަށް ބޭއްވި ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން — ގާފު ފޮޓޯ: ޝަޖާއަތު އަޙްމަދު

މިއީ ރާއްޖޭގެ ތާރީޚުގައިވެސް "މާދަރީ ބަހުން" ރަސްމީ ފުޓްބޯޅަ މެޗެއްގެ ކޮމެންޓްރީ ގެނެސްދިން ފުރަތަމަ ފަހަރު ކަމުގައި ސާއިދު ބުންޏެވެ.

ތިނަދޫއަށް އުފަން ސާއިދު އަކީ ރާއްޖޭގެ ނޫސްވެރިކަމުގައި ފާހަގަކޮށްލެވޭ ނަމެވެ. ފިލްޑުގައި މަސައްކަތް ކުރަމުން ދަނިކޮށް ކިޑްނީ ފެއިލްވިކަން އެނގުނު ނަމަވެސް ސާއިދުގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާދެއެވެ.

ސާއިދު ކިޑްނީއެއްގެ އުންމީދުގައި އުޅޭތާ މިހާރު ތިން އަހަރު ވެއްޖެ އެވެ. ކިޑްނީއެއް ހޯދަން ސާއިދު ކުރާ މަސައްކަތުގެ ތެރެއިން, އޭނާގެ އެކުވެރިންތަކެއް އެކުވެގެން "ލެޓްސް ހެލްޕް ސާއިދު"ގެ ނަމުގައި ވަނީ ކެމްޕެއިނެއްވެސް ފަށާފައެވެ. އެ ކެމްޕެއިން ފެށުނީވެސް ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ތެރެއިން "ޔޫރޯ ފޯރި" ނަމުގައި ހިންގި ހަރަކާތެއްގެ ތެރެއިން ގުޅުން ބަދަހިވެ އޭނާގެ ރަޙްމަތްތެރިން ހިމެނޭ ޒުވާން ޓީމެއްގެ އިސްނެގުމުގެ މަތިންނެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް