މި ރަޓާ ލެބީއްކުން, ވަރިހަމައި – ތިނަދޫ ކާބަފައިން ދެއްކި ހިތްވަރު ރަމްޒުކޮށްދިން އަސަރުގަދަ ތަމްސީލެއް

މީގެ 59 އަހަރު ކުރިން, 1962 ވަނަ އަހަރު ގދ. ތިނަދޫ މީހުން ބޭލި ހާދިސާއަކީ އެރަށު ރައްޔިތުންގެ ހިތްތަކުގައި އިއްޔެ ހިނގައިދިޔަ ކަމެއްހެން ބިންވަޅުނެގިފައިވާ އަސަރުގަދަ ހިތި ހަނދާންތަކެކެވެ. އެއީ ރާއްޖޭގެ ދިގު ތާރީޚުގައިވެސް ރަށެއްގެ ރައްޔިތުންތަކެއް ބިކަ ކޮށް, ރަށެއް ފަޅުކޮށްލި ހަމަ އެކަނި ހާދިސާއެވެ.

ތިނަދޫ އަލުން އާބާދުވިތާ 55 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވަނީ, އެއިރު ތިނަދޫގެ ރައްޔިތުން ރަށުން ބޭލުމަށްފަހު އަލުން އާބާދުވި ގޮތުގެ މަންޒަރުތަކާއި އިހުސާސްތައް ދައްކުވައިދޭ އަސަރުގަދަ ތަމްސީލެއް ދައްކާފައެވެ.

ތިނަދޫ އަލިދޯދި، އަބްދުﷲ އަފީފް ހައްދަވާފައިވާ “މި ރަޓާ ލެބީގެކުން ވަރިހަމައި” ޅެން އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ މި ތަމްސީލުގައި ދައްކުވައިދެނީ އެއިރު ތިނަދޫ ރައްޔިތުން އުޅުނު ހާލާއި ރަށުގައި ވަޒަންވެރިވުމަށް ކާބަފައިން ދެއްކި ހިތްވަރެވެ. މި ތަމްސީލް ބެއްލެވުމަށްފަހު ހަފްލާއަށް ވަޑައިގެން ތިއްބެވި ގިނަ ފަރާތްތަކެއްގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔައީ, އެ ޒަމާނުގެ އެމަންޒަރުތައް ހަމަ ލޮލަށް ފެނުނު ފަދަހެންނެވެ.

އެ ތަމްސީލުން ދައްކުވައިދެނީ ރަށުން ބޭލުމުން ގދ. މަޑަވެލީގައި ދިރިއުޅުނު ދެމަފިރިއަކު ތިނަދޫ އަށް އަލުން އައުމުން ރަށުން ގޯތި ދޫކުރި ގޮތާއި ގޯތީގެ އިންފާރު ކަނޑައެޅި ގޮތާއި އެއިރުވެސް ރައްޔިތުންނާ މެދު ސަރުކާރުން އަމަލު ކުރި ގޮތުގެ މަންޒަރުތަކެވެ.

މުޅި ޑްރާމާ ބިނާކޮށްފައި އޮތީ, ޑްރާމާގެ ތެރެއިން, ތިނަދޫ އަލުން އާބާދުވިއިރު އެރަށަށް ދިޔަ މީހުންގެ ތެރެއިން މީހަކު މީޑިއާއަށް ދޭ އިންޓަވިއު އެއްގެ މައްޗަށް ބިނާ ކޮށެވެ.

ތިނަދޫއަށް މީހުން އާބާދުވެގެން ދިޔަގޮތް ދައްކައިދޭ މިތަމްސީލަކީ ސްޓޭޖް ބައެއް ހަރަކާތްތަކަކާއެކު ކުޅެފައިވާ ބައެއް މަންޒަރު ހިމެނޭ ގޮތަށް މިއުޒިކާއެކު ތައްޔާރު ކުރި ތަމްސީލް ޑްރާމާއެކެވެ.

ތިނަދޫގެ ގިނަ ފަންނާނުތަކެއްގެ އިތުރުން ތިނަދޫގެ އެކި މަޤާމުތަކުގައި ތިއްބެވި ފަރާތްތައް މި ތަމްސީލުން ފެނިގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣްނީވެސް ހިމެނިވަޑައިގަންނަވައެވެ.

މި ތަމްސީލްގެ އޯޑިއޯ ތައްޔާރުކޮށްފައިވަނީ ބުންނަރު ސްޓޫޑިއޯއިންނެވެ. އަދި މީގެ އިތުރުން މި ތަމްސީލްގެ ވީޑިއޯ ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ އިވެންޓް ކާސްޓާއި ސްޓޫޑިއޯ33 އަދި ޗައްޕަލާ ސްޓޫޑިއޯއިންނެވެ. މި ތަމްސީލްގައި ސްޓޫޑިއޯ 33 އާއި ޗައްޕަލާ ސްޓޫޑިއޯގެ އެކްޓަރުން ވަނީ ފެނިގެން ގޮސްފައެވެ.

 

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް