އެގްރޯނެޓް ކުންފުންޏަށް ގަން ދޫކޮށްފައިވަނީ ރައީސް ސޯލިހުގެ ވައުދުފުޅާ ޚިލާފަށް – ގައްދޫ ކައުންސިލް

ގައްދޫ ކައުންސިލްގެ ރައީސް: - ފޮޓޯ - ގދ އަތޮޅު ކައުންސިލް

ގދ ގައްދޫ އިހްތިސޯސްގައި ހިމެނޭ ގދ. ގަން ސަރުކާރުގެ އެގްރިކަލްޗާ ކުންފުނި އެގްރޯނެޓަށް ދޭން ސަރުކާރުން ނިންމީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހްގެ ވައުދުފުޅާއި ހިލާފަށް ކަމަށް ގައްދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަޙްމަދު ވިދާޅުވެއްޖެ އެވެ.

ގައްދޫ ރައީސް މިގޮތަށް ވިދާޅުވީ މިކަމާއި ހިތްހަމަނުޖެހުން ފާޅުކުރައްވައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ ހުސެއިން ރަޝީދުއަށް މިއަދު ފޮނުވި ސިޓީއެއްގައެވެ.

ގައްދޫ ރައީސް މިނިސްޓަރަށް ފޮނުވި ސިޓީގައި ވަނީ ރައީސް އޮފީހުގެ އިކޮނެމިކް ކައުންސިލުން ގދ ގަން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ނިންމުމަކީ ރައީސް ސޯލިހް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ގައްދޫ އަށް ކުރި ޒިޔާރާތުގައި ގައްދޫ ރައްޔިތުންނަށް ވައުދުވެ ވަޑައިގަތް ގޮތާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ގައްދޫ ކައުންސިލުން ދެކޭކަމަށެވެ.

އަދި މި ނިންމުން އިކޮނެމިކް ކައުންސިލުން ނިންމާފައިވަނީ ގައްދޫ ރައްޔިތުންގެ މަޝްވަރާއެއް ލަފައެއްވެސް ހޯދުމެއް ނެތި ކަމަށާއި، 15 މާރޗް 2020 ގައި ރައީސުލްޖުމްހުރިޔާ ފާސްކުރި ޤަރާރު ކަމުގައިވާ ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ކޮންމެ ސިޓީ ކައުންސިލަކާއި ރަށު ކައުންސިލެއްގެ އިޚުތިޞާޞް ކަނޑައެޅުމުގެ ޤަރާރަށް ރިޢާޔަތް ނުކޮށް ކަމަށެވެ.

މިއާއި އެކު ގަމުން ގައްދޫގެ އިޚްތިޞާސްގެ ގޮތުގައި ކަނޑައެޅިފައިވާ ބައިގެ އިތުރަށްވާ ބިމުގެ އިގްތިސާދީ ބޭނުން ގައްދޫ ކައުންސިލަށާއި މުޅި ގައްދޫ ރައްޔިތުންގެ އަތުން ބީވެގެންދާނެ ގޮތަކަށް ރައީސް ސޯލިހް ވެވަޑައިގަތް ވައުދުފުޅާއި ދިމާ އިދިކޮޅަށް ކުރަން ނިންމައި އެމަސައްކަތް ކުރިޔަަށް ގެންދިޔުމަކީ ގައްދޫގެ ރައްޔިތުން އެދޭކަމެއް ނޫންކަމުގައި ދަންނަވާ ކަމަށް ގައްދޫ ރައީސް ވަނީ ސިޓީގައި ބުނެފައެވެ.
މި މައްސަލަައިގައި ފަހި ގޮތްތަކެއް ހޯދުމަށް އެ ވުޒާރާއާއިއެކު ކުރައްވަން ޖެހުނު ކޮންމެ މަޝްވަރާއެއް ކުރުމަށްޓަކައި އެކައުންސިލުން ތައްޔާރަށް އޮތްކަންވެސް ގައްދޫ ރައީސް ފާހަގަކުރެއްވި އެވެ.

ގދ ގަމަކީ ގައްދޫ ކައުންސިލްގެ އިހްތިސާސްތެރޭގައި ހިމެނޭ ރަށެކެވެ. ސަތޭކަ ޕަސަންޓް ސަރުކާރު ހިއްސާވާ އެގްރޯ ކުންފުންޏަށް ތިން ރަށެއް ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ގިނަ ބަޔެެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައި އެވެ. އަދި ގައްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ޒާހިރު ވަނީ އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑަށް ގދ. ގަން ދިނުމަކީ ފޭރުމުގެ އަމަލެއްގެ ގޮތުގައި މީގެ ކުރިން ސިފަކުރައްވާފައި އެވެ.

ގައްދޫ ކައުންސިލާ ގަން ހަވާލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ.

 

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް