އެލައިޑް އިންޝުއަރެންސްގެ ކުރީގެ ޖެނެރަލް މެނޭޖަރު އަދި ރާއްޖޭގެ ޓެކް އަދި ވެބް ޑިވެލޮޕްމަންޓް ދާއިރާގެ މަޝްހޫރު ބޭފުޅެއްކަމުގައިވާ އަހްމަދު ރިޔަޒީ މުހައްމަދު (ޑާޑި)ގެ ޖަނާޒާ މާދަމާ ހެނދުނު މެލޭޝިއާގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ޑާޑިގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ، މެލޭޝިޔާގެ ހޮސްޕިޓަލް ޔުނިވާސިޓީ ކެބަންސާންގެ ނަމާދު ކުރާ ކޮޓަރީގައެވެ. ޑާޑިގެ މޫނު ދައްކަން ފަށަނީ މާދަމާ ހެނދުނު 11:30 ގައެވެ. އަދި ކަށު ނަމާދު ކުރަން ހަމަޖެހިފައި ވަނީ މެންދުރު ނަމާދަށް ފަހުއެވެ.
މެލޭޝިއާގައި ދިރިއުޅެމުން ގެންދަނިކޮށް ކުއްލިގޮތަކަށް ޑާޑި ނިޔާވީ، މިދިޔަ އާދީއްތަ ދުވަހު ދުވަން ނުކުމެ އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
އުމުރުން 38 އަހަރުގެ ޑާޑި ވަނީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި ކާމިޔާބު އެއް ކުންފުނިކަމުގައިވާ އެލައިޑް އިންޝުއަރެންސްގައި ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތްކޮށްފައެވެ. އަދި އެމެރިކާގެ މަޝްހޫރު މައިންޑްވެލީ ކުންފުނީގައި ސީނިއާ ޕްރޮޑަކްޓް މެނޭޖަރެއްގެ ގޮތުގައިވެސް ޑާޑި ވަނީ މަސައްކަތްކޮށްފައެވެ.
ޑާޑިއަކީ ރާއްޖޭގެ ސްޓާޓް އަޕްތަކަށް އެހީތެރިވާން އުފައްދާފައިވާ ކޮންސަލްޓެންސީ ފާމެއް ކަމަށްވާ ސްޕާކް ހަބްގެ ކޯ ފައުންޑަރެވެ. އޭގެ އިތުރުން އޭނާ އަކީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަން ތައްޔާރުކުރަން ދިވެހި ވެބް ޑިވެލޮޕަރުން ގުޅިގެން އުފެއްދި މަޝްހޫރު "ލޮޓީފައިލްސް" ގެ އެންމެ އިސް އެއް ފަރާތްވެސް މެއެވެ.