ގދ. އަތޮޅު ކައުންސިލް މުވައްޒަފުން ގަވާއިދާ ހިލާފަށް އެއަތޮޅު ފަޅުރަށެއްކަމުގައިވާ ގދ. ހަވޮޑިގަލާއަށް ދަތުރުގޮސް ތިއްބައި ފުލުހުންގެ އެހީއާއެކު އެރަށުން ބާލުވައިފި އެވެ.
"ގާފު" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ގދ. އަތޮޅު ކައުންސިލް މުވައްޒަފުން އެރަށަށް ދިޔައީ އެއްވެސް އެންގުމެއް ނުވަތަ ހުއްދައެއް ހޯދުމެއް ނެތި އެވެ.
ގދ. އަތޮޅު ކައުންސިލުން މިއަދު އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އާއި ގދ. ހައުޑިގަލާ ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ފަރާތާއި ދެމެދުގެ އެއްބަސްވުން AGR242/242/2019/01 ނަންބަރު ގެ 8 ވަނަ މާއްދާއާއި އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާރ ގެ އެދުމުގެ މަތިން ގދ. ހައުޑިގަލާގެ އިންސްޕެކްޝަނެއް ހެދުމަށް ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ޓީމެއް މިއަދު ގދ .ހައުޑިގަލާގައި ހަރަކާތެރިވެފައިވާކަމަށެވެ.
ގދ. ހައުޑިގަލާ ބަލަހައްޓަމުން އަންނަނީ ތިނަދޫގެ ޖަމިއްޔާއެއް ކަމުގައިވާ ހަވަރު ސްޕޯޓްސް އިންނެވެ. ހަވަރު ސްޕޯޓްސް އިން މައުލޫމާތުދޭ ގޮތުގައި އަތޮޅު ކައުންސިލް މުވައްޒަފުން އެރަށަށް މިއަދު ގޮސްފައިވަނީ އޮންނަ އުސޫލާ ހިލާފަށެވެ. މިހާރު ފުލުހުންގެ އެހީއާއެކު، ގދ. އަތޮޅު ކައުންސިލްގެ މުވައްޒަފުން ވަނީ އެރަށުން ބާލުވައިފައި ވާކަމަށް ރަށް ބަލަހައްޓަމުން އަންނަ ފަރާތުން މައުލޫމާތުދެއެވެ.
ހަވަރު ސްޕޯޓްސްގެ އޮފިޝަލަކު ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ގދ. އަތޮޅު ކައުންސިލް މުވައްޒަފުން އެރަށަށް އަރައި އެރަށް ބަލަހައްޓާ މުވައްޒަފުންނަށް ބިރުދައްކައިފައިވާކަމަށާއި، އެމައްސަލަ އާއި އެރަށަށް ގަވާއިދާ ހިލާފަށް އެރި މައްސަލަ ފުލުހަށް މިހާރު ހުށަހަޅާފައިވާކަމަށެވެ.
ގދ. ހައުޑިގަލާ، ހަވަރު ސްޕޯޓްސްއިން ބަލަހައްޓަމުން އަންނަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ. ހަވޮޑިގަލާ މަޝްހޫރުވެފައިވަނީ ހުވަދުއަތޮޅުގައި ދޮންދޫނި އާލާވާ ރަށެއް ގޮތުގައި އެވެ. ގުދުރަތީގޮތުންވެސް މުއްސަނދި މިރަށަކީ ހިމާޔަތްކޮށްފައިވާ ރަށެކެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ހައޮޑިގަލާ ބެލެހެއްްޓުމަށް ބަޔަކާ ހަވާލުކުރިކަމަށް ތި ބުނާ އެގްރީމަންޓް ރައްޔިތުންނަށް ޢާންމު ކުރަން ގދ އަތޮޅު ކައުންސިލަށާއި ކަމާއިބެހޭ އިދާރާތަކަށް ގޮވާލަން. އެހެނިހެން މަންފާއެއް އެރަށުން ހޯދިގެން ނުވާނެ. ހިމާޔަތްކޮށްފައިވާ ރަށްތައް ބެލެހެއްޓުމަށް ސަރުކާރުން ވަކިބަޔަކާއި ހަވާލުކުރެވިދާނެކަމަށް ގަބޫލު ނުކުރަން.