ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ހަ ދާއިރާއަކުން ތަމްރީންވުމުގެ ފުރުސަތު އެސްޓީއޯ އިން ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމުގެ ދަށުން އެސްޓީއޯ އިން ހަ ދާއިރާއަކުން 26 ޒުވާނަކު ތަމްރީން ކުރާނެއެވެ. އެއީ އޮޓޯމޯޓިވް މެކޭނިކާއި ރީޓެއިލް ސާވިސް އެސިސްޓެންޓާއި އިލެކްޓްރިޝަން އާއި މީޑިއާ ޕްރޮޑަކްޝަނާއި ފޮޓޯގްރަފީ އާއި ރެފްރިޖަރޭޝަން އެންޑް އޭއާ ކޮންޑިޝަނިން މެކޭނިކް އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެލަވެންސްގެ ގޮތުގައި ގަޑިއިރަކަށް 40ރ. ދޭނެކަމަށް އެސްޓީއޯ އިން ބުނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިކަން ހުރި މީހުން އަންނަ ހޯމަ ދުވަހުގެ ކުރިން އެ ކަމަށް އެދި ފޯމު ހުށަހެޅުމަށް އެސްޓީއޯ އިން ވަނީ އެދިލައްވާފައެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން ތަމްރީން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. ހަ މަސް ދުވަހުގެ މި ޕްރޮގްރާމް ނިންމާ މީހުންނަށް، އެ ތަމްރީންވާ ދާއިރާއަކުން ގައުމީ ސަނަދުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ.