އެމްއެންޕީގެ ލީޑާޝިޕް ގދ އަތޮޅަށް، ފުރަތަމަ މަންޒިލަކަށް ތިނަދޫ!

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ލީޑާޝިޕްގެ ބޭފުޅުން ގދ ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ތިނަދޫއަށް ވަޑައިގެންފި އެވެ.

އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް އާއި ޕާޓީގެ ނައިބު ރައީސުންގެ އިތުރުން ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މިވަފުދު ގދ އަށް މިއަދު ހެނދުނު ފެށި ދަތުރުފުޅުގައި ކާޑެއްދޫ އެއާޕޯޓުން އެބޭފުޅުންނަށް މަރުހަބާ ދެންނެވީ ގދ އަތޮޅުގައި ތިބި އެޕާޓީގެ ބައެއް މެމްބަރުންނެވެ.

މިދަތުރުގެ ފުރަތަމަ މަންޒިލަކަށް އެވަފުދުން ވަޑައިގެންނެވީ ތިނަދޫއަށެވެ. އެގޮތުން މިއަދު ތިނަދޫގެ ޒުވާނުންނާއި އެޕާޓީގެ ލީޑާރޝިޕުން ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށްޓަކައި ޑޯޓުޑޯ ހަރަކާތްތަކެއްވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

އެމްއެންޕީ ގދ ދަތުރުގައި އެއަތޮޅު މަޑަވެއްޔާއި ހޯނޑެއްދޫއަށް އެޕާޓީގެ ލީޑާރޝިޕުން ޒިޔާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެޕާޓީއިން މައުލޫމާތު ދޭގޮތުގައި މި ދަތުރުގެ މަގްސަދަކީ ވީހާވެސް ގިނަ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ އިހްސާސްތައް އަޑުއަހާ 2023 އަށް ފާޓީގެ ވައުދުތައް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމެވެ.

އެމްއެންޕީގެ މި ދަތުރު ނިންމާލުމަށްފަހު ޕާޓީގެ ލީޑަރޝިޕް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޑިސެމްބަރ 6 ވާ ހޯމަ ދުވަހުގައެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވައިފައި ވަނީ 15 ޖުލައި 2021 ވީ ދުވަހުއެވެ. އެ ޕާޓީން ވަނީ މިއަހަރު އެޕާޓީއަށް 10000 މެމްބަރުން ހަމަކުރުމަށް ކަނޑައެޅި ޓާގެޓް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަމަކޮށްފައެވެ.

އެ ޕާޓީ އުފެއްދުމުގެ މަޤްޞަދަކީ ދިވެހީންގެ ތެރޭގައި ޤައުމީ ފިކުރުު ވަރުގަދަކޮށް ދިވެހީން އެދޭ ކަންކަން ފުރިހަމައަށް ހާސިލްކުރުމަށް ޓަކައި، ޤާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިޚްތިޔާރާއި ޙައްޤުތައް 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށް އެމްއެންޕީން ވަނީ ބުނެފައެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް