އެމްއެންޕީގެ ލީޑާޝިޕް މާދަމާ ގދ. އަށް!

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ލީޑާޝިޕްގެ ބޭފުޅުން ގދ ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅު މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ.

އެމްއެންޕީގެ މި ދަތުރުގައި އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް އާއި ޕާޓީގެ ނައިބު ރައީސުންގެ އިތުރުން ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމްއެންޕީ އިން މައުލޫމާތުދޭގޮތުގައި، ގދ އަށް އެ ޕާޓީން ކުރައްވާ ދަތުރުފުޅުގައި، ތިނަދޫ، މަޑަވެލި އަދި ހޯނޑެއްދޫއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ދަތުރުގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެކަމަށްވެސް އެމްއެންޕީން ބުނެއެވެ.

އެމްއެންޕީގެ މި ދަތުރު ނިންމާލުމަށްފަހު ޕާޓީގެ ލީޑަރޝިޕް އެނބުރި މާލެ ވަޑަގަތުމަށް ހަމަޖެހިފައިވަނީ، 2021 ޑިސެމްބަރ 7 ވާ ބުރާސްފަތި ދުވަހުގައެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވައިފައި ވަނީ 15 ޖުލައި 2021 ވީ ދުވަހުއެވެ. އެ ޕާޓީން ވަނީ މިއަހަރު އެޕާޓީއަށް 10000 މެމްބަރުން ހަމަކުރުމަށް ކަނޑައެޅި ޓާގެޓް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަމަކޮށްފައެވެ.

އެ ޕާޓީ އުފެއްދުމުގެ މަޤްޞަދަކީ ދިވެހީންގެ ތެރޭގައި ޤައުމީ ފިކުރުު ވަރުގަދަކޮށް ދިވެހީން އެދޭ ކަންކަން ފުރިހަމައަށް ހާސިލްކުރުމަށް ޓަކައި، ޤާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިޚްތިޔާރާއި ޙައްޤުތައް 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށް އެމްއެންޕީން ވަނީ ބުނެފައެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް