ކޯވިޑްގެ ދަތި ހާލަތުގައި އެންމެ ފުރިހަމަ ނަމޫނާއެއް ދެއްކީ ސްކޫލްތަކުން – ނައިބު ރައީސް

ކޯވިޑްގެ ދަތި ހާލަތުގައި އެންމެ ފުރިހަމަ ނަމޫނާއެއް ދެއްކީ ސްކޫލްތަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ދެކުނަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ފުވައްމުލަކަށް ވަޑައިގެން، މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ތައުލީމު ފޯރުކޮށްދިނުމުގައި އެއް ދޮރު ބަންދު ވެއްޖެނަމަ އެހެން ދޮރެއް ހުޅުވައިގެންވެސް، އަދި ސްކޫލްތައް ހުޅުވައިގެން ތައުލީމު ފޯރުކޮށް ނުދެވުމުން ގޭގައި ދަރިވަރުން ބައިތިއްބައިގެންވެސް މެދުނުކެނޑި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދީފައިވާ ކަމަށާއި އެކަމަށްޓަކައި އެންމެހާ މުދައްރިސުންނަށާއި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިކަން ފަހިކޮށްދިނުމަށް މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ނައިބު ރައީސް ވާހަކަފުޅުގައި، ކޯވިޑްގެ ދަތިހާލުގައި ދައުލަތަށް ފައިސާ ލިބުން އެއްކޮށްހެން ހުއްޓިފައިއޮތް އިރުވެސް އަޅުގަނޑުމެންނަށް ފެނިގެންއައީ ދިވެހިރާއްޖޭގެ އެންމެ އުތުރުން، ތުރާކުނުން ފެށިގެން އައްޑޫ ސިޓީ ގަމާ ހަމައަށް މަސައްކަތްތައް މަޑުނުޖެހި ކުރިޔަށް ދިޔަތަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއެކު ކުރެވިގެންދިޔަ މުހިއްމު މަސައްކަތްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސިފަކުރެއްވިއެވެ. ކައިރި ޤައުމުތަކުގައި އަދިވެސް ކޯވިޑް މެނޭޖް ނުކުރެވިގެން އުޅޭ މަންޒަރު މިހާރުވެސް ފެންނަމުންދާ ކަމަށާއި އެހެންނަމަވެސް ރާއްޖެއިން ކޯވިޑް މެނޭޖްކުރުމުގައި ނަމޫނާ ދައްކާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ކޯވިޑް މެނޭޖްކުރުމުގައި ދެވުނު ގައިޑްލައިންތަކާއި ރެސްޓަރިކްޝަންތަކާ މެޝަރސްތަކާ އެއްގޮތަށް އެންމެ ރަނގަޅަށް އެމަސައްކަތް ކުރެއްވި ބަޔަކީ ސްކޫލްތަކުގައި މަސައްކަތްކުރެއްވި ބޭފުޅުންކަން އެ މަނިކިފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ހުޅުވާދެއްވާފައެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް