ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓްރީ ކުރަން ލާޒިމްވާ، ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލު ފާސްކޮށްފި

ފޮޓޯ: އަވަސް

ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓްރީ ކުރަން ލާޒިމްވާ، "ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލު" މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކުރި މި ބިލު ފާސްކުރީ، 48 މެމްބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރެވެ. ގޯތިގެދޮރު ކުއްޔަށް ދިނުމުގައި، ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތުގެ އެންމެހައި ހައްގުތައް މި ބިލުގައިވަނީ ބަޔާން ކޮށްފައެވެ. އަދި ދިރިއުޅުމަށްޓަކައި ކުއްޔަށް ދޭ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތަކާއި، ކުއްޔާއި ގުޅިގެން އަންނަ ދެބަސްވުންތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ގާނޫނަކަށް ވެގެންދިއުމުން، އެއްވެސް ތަނެއް ދިރިއުޅުމަށްޓަކައި ކުއްޔަށްދެވޭނީ، ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި، ކައުންސިލަށް ހުށަހަޅައި، ކުއްޔަށް ދިނުމުގެ ހުއްދަ ލިބުމުންނެވެ. އަދި ހުއްދަ ނުހޯދައި އެއްވެސްތަނެއް ކުއްޔަށް ދިނުން މަނާވެގެންދާނެއެވެ. އަދި ހުއްދަ ދޫކުރާ ތަންތަނުގެ ދަފްތަރެއް އެކުލަވާލައި އެ ކައުންސިލަކުން އެ ދަފްތަރު ބަލަހައްޓަން ޖެހެއެވެ.

ދިރިއުޅުމަށްޓަކައި ކުއްޔަށް ދޫކުރާ ހުރިހާ ތަންތަނުގެ ދަފްތަރެއް އެކުލަވާލައި އެ ތަންތަން މޮނިޓަރ ކުރުމަށް ޓެނަންސީ ބޯޑެއް އެކުލަވާލަން ޖެހެއެވެ. ތަނެއް ކުއްޔަށް ދިނުމަށް ކައުންސިލުން ހުއްދަދޭތާ މަދުވެގެން ތިން ދުވަހުގެ ތެރޭގައި އެ ބޯޑަށް އަންގަންޖެހެއެވެ.

މި ބިލް ތަސްދީގުކޮށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ކުއްޔަށް ދޭ ތަންތަނުގެ ދަފްތަރު އާންމުންނަށް ފަސޭހައިން ފެންނާނެ ގޮތަށް ހުންނަ ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް އެ ބޯޑުން ގާއިމުކުރަންޖެހެއެވެ.

މި ބިލް ޤާނޫނަކަށްވުމުން ކުއްޔަށްދޭ ތަންތަން އިމާރާތް ކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތެންޖެހެއެވެ. އަދި ތަނުގެ ކުޑަބޮޑުމިނަށް ބަލައި އެތަނުގައި ދިރިއުޅެވޭނެ މީހުންގެ އަދަދެއްވެސް ކަނޑައެޅިފައި އޮންނަން ޖެހެއެވެ.

މި ބިލް ޤާނޫނަކަށް ވުމުން މިހާރަށްވުރެ ރަނގަޅަށް ކުއްޔަށްދޭ ތަންތަން ރެގިއުލޭޓް ކުރެވިގެންދާނެއެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް