އައްޑޫގައި ފްލައިން ސްކޫލެއް ހިންގަން އައިއޭއެސް އާއި އެމްއެންޔޫ ގުޅިގެން ކުންފުންޏެއް ހަދަނީ

އެމްއެންޔޫ އާއި އައިއޭއެސްއާ ދެމެދު ި އެއްބަސްވުމުގައި ސޮއިކުރަނީ. :-ފޮޓޯ/ މޯލްޑިވިއަން، ޓްވިޓާ

އައްޑޫ ގަމުގައި ފްލައިން ސްކޫލް ހިންގުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާއި ގައުމީ ޔުނިވާސިޓީން ޖޮއިންޓު ވެންޗާ ކުންފުންޏެއް އުފެއްދުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް އެވެ. އަދި އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އެވެ.

މި އެއްބަސްވުމުގެ ދަށުން ޔުނިވާސިޓީ އާއި އައިއޭއެސް ހިއްސާވާ %100 ސަރުކާރު ކުންފުންޏެއް އުފައްދާނެ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މިހާދު ވިދާޅުވީ، ފްލައިން ސްކޫލު މެނޭޖު ކުރުމަށް އޯޕަން ބިޑަކުން ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑެމީއެއް ހޮވާފައިވާ ކަމަށާއި އެ އެކަޑެމީގައި މިހާރު ވެސް ދިވެހި ދަރިވަރުން ޕައިލެޓް ޓްރެއިނިން ހަދަމުން އަންނަ ކަމަށެވެ. އަދި މި އަލަށް އުފައްދާ ކުންފުންޏާއި އެކު ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ އަށް ބޭނުންވާ ތަފާތު ހުނަރުތަކުގެ ކުދިން އުފައްދާނެ ކަމަށްވެސް މިހާދު ވިދާޅުވިއެވެ.

އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. ޝަރީފް ވިދާޅުވީ، އޭވިއޭޝަން ދާއިރާ އިން ދިވެހިން ބިނާ ކުރުމަކީ ޔުނިވާސިޓީގެ އަބަދުވެސް އަމާޒެއް ކަމަށާއި މިއަދު އައިއޭއެސްއާ އެކު ސޮއިކުރި އެއްބަސްވުމަކީ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

މި ފްލައިންގ ސްކޫލުގައި ކިޔަވައިދޭން މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެށޭވަރަށް މަސައްކަތް ކުރަމުންދާއިރު މިހާރު ހޯދަމުން ދަނީ އެކަޑަމީ ފެށުމަށް ބޭނުންވާ ބައެއް ޓެކްނިކަލް މީހުންނެވެ.

 

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް