އަތޮޅު ކައުންސިލްގައި ގައްދޫ ތަމްސީލް ކުރުމުގެ ފުރުސަތު އެ ކައުންސިލަށް ލިބެންޖެހޭ – ގދ. ރައީސް

ގދ އަތޮޅު ރައީސް ހަސަން ފައިހަތު ގުދުރަތުالله -- ގާފު ފޮޓޯ | ޝަޖާއަތު އަޙްމަދު

ގދ އަތޮޅު ކައުންސިލްގައި އެއަތޮޅު ގައްދޫ ތަމްސީލް ކުރުމުގެ ފުރުސަތު ގައްދޫ ކައުންސިލަށް ލިބެން ޖެހޭ ކަމަށް ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ފައިހަތު ފޭސްބުކުގައި މިމޭރުމުން ޕޯސްޓެއް ކޮށްފައިމިވަނީ ގދ ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު (އެމްޑީ) ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުގައި ހުރުމާ ގުޅިގެން އަތޮޅު ކައުންސިލްގެ ޖަލްސާތަކުގައި ގައްދޫ ކައުންސިލަށް އެކައުންސިލް ތަމްސީލް ކުރުމުގެ ފުރުސަތު ލިބިފައިވާ ނުވާތީ އެވެ.

"ގާފު" އަށް މައުލޫމާތު ދެއްވަމުން ފައިހަތު ވިދާޅުވީ ގައްދޫ ކައުންސިލްގެ ރައީސް ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުރުމުގެ ސަބަބުން އަތޮޅު ކައުންސިލްގައި އެ ރަށު ކައުންސިލް ތަމްސީލް ކުރުމަށް ޤާނޫނީ ހުރަސްތަކެއް އެބަހުރި ކަމަށެވެ.

ގައްދޫ ކައުންސިލްގެ ރައީސް ބަންދުގައި ހުރުމުގެ ސަބަބުން އެ ކައުންސިލް ހިންގުމާ ހަވާލުވެ ހުންނެވީ އެ ރަށު ކައުންސިލްގެ ނައިބް ރައީސް އެވެ. ނަމަވެސް ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ ދަށުން އަތޮޅު ކައުންސިލްތަކުގައި ރަށު ކައުންސިލްތައް ތަމްސީލް ކުރެވެނީ އެރަށެއްގެ ކައުންސިލްގެ ރައީސަށެވެ. އެއީ އަތޮޅު ކައުންސިލަށް އިންތިޚާބުވުމުން ބާއްވާ ހުވައި ކުރުމުގެ ރަސްމިއްޔާތުގައި ކުރައްވާ ހުވައަށް ފަހުގައެވެ. އަތޮޅު ކައުންސިލްގައި ގައްދޫ ކައުންސިލް ތަމްސީލް ކުރެއްވުމަށް ހުވައި ކުރެއްވީ މިވަގުތު ބަންދުގައި ހުންނެވި އެ ކައުންސިލްގެ ރައީސެވެ.

"ގައްދޫ ކައުންސިލްގެ ރައީސްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ބަންދުގައި ހުންނެވުމުގެ ސަބަބުން އަތޮޅު ކައުންސިލްގައި އެރަށް ތަމްސީލް ނުކުރެވި މިދިޔައީ ފަސް މަސް. މިކަމުގައި އެލްޖީއޭގެ ލަފައަކަށް އެދުމުން އަންގާފައިވަނީ ރަށު ކައުންސިލްގެ ނައިބް ރައީސަށް އަތޮޅު ކައުންސިލްގައި ރަށް ތަމްސީލް ކުރެވޭނެ ޤާނޫނީ ހައިސިއްޔަތު ލިބިގެން ނުވާކަމަށް. އަތޮޅު ކައުންސިލްގައި ގައްދޫ ކައުންސިލް ތަމްސީލް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އަޅުގަނޑު މި ވަކާލާތު ކުރަނީ،" — ގދ. އަތޮޅު ކައުންސިލްގެ ރައީސް، ޙަސަން ފައިހަތު ޤުދުރަތުﷲ

ފައިހަތު ވިދާޅުވީ އަތޮޅު ކައުންސިލްގައި ގައްދޫ ތަމްސީލް ނުކުރެވި ފަސް މަސް ފާއިތުވެދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން އެކަމަށް ހައްލެއް ހޯދައިދިނުމަށް އެލްޖީއޭއާ މަޝްވަރާކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް އެލްޖީއޭއަށް ގޮވާލާ ކަމަށްވެސް ފައިހަތު ވިދާޅުވިއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވެ, މަގާމުގެ ހުވައި ކުރައްވާފައިވާ އެ ރަށު ކައުންސިލްގެ ރަައީސް, މުޙައްމަދު އަޙްމަދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލާގައި ބަންދުން ދޫކުރަން އެރަށު މެޖިސްޓްރޭޓް ކޯޓުން ނިންމިއެވެ. ނަމަވެސް އެ ނިންމުން ބާތިލްކޮށް އޭނާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކުރީ މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަލައެއްގައި ދައުވާ ލިބޭ ގދ. ގައްދޫ، ވިންސެންޓް، މުހައްމަދު އަހުމަދު ޝަރީޢަތް ނިމެންދެން ބަންދުގައި ހުއްޓައި، ބަންދުން ދޫކޮށްލުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ މެއި މަހުގެ ތިން ވަނަ ދުވަހު އެވެ.

ހައި ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ މުޙައްމަދު އަޙްމަދު އަކީ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމުގެ އިޙްތިމާލު އޮތް ފަރާތެއް ކަމަށެވެ. އެހެން ކަމުން އޭނާ ހުންނަންޖެހޭނީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ނެތިކޮށްލެވޭ ފަދަ ތަނެއްގައި ކަމަށެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް