
skynews-alain-robert-totalenergies_5903014
ފްރާންސްގެ "ސްޕައިޑަރމޭން" ގެ ގޮތުގައި މަޝްހޫރުވެފައިވާ އެލަން ރޮބާޓް އޭނާގެ 60 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ޕެރިހުގައި 48 ބުރީގެ ސްކައިސްކްރޭޕާއަކަށް އަރައިފިއެވެ.

ސަލާމަތީ އެއްވެސް އެއްޗެއް ބޭނުން ކުރުމެއް ނެތި 187 މީޓަރު އުސް އިމާރާތަށް އޭނާ އަރާފައިވަނީ ރަތް ކުލައިގެ ހެދުމެއް ލައިގެންނެވެ.
ރޮބާޓް އޭނާގެ މަސައްކަތް ނިންމައިލީ ފަރަންސޭސި ވެރިރަށް ލަ ޑިފެންސް ބިޒްނަސް ޑިސްޓްރިކްޓްގެ ހުންނަ 187 މީޓަރު (613 ފޫޓު) ޓުއާ ޓޯޓަލްއެނަރޖީސް އިމާރާތުގެ އެންމެ އުހަށް އެރުމުންނެވެ.
އޭނާ އެކަން ކޮށްފައިވަނީ، އުމުރުން 60 އަހަރު ވުމަކީ އެފަދަ ކަމެއް ކުރުމަށް އޮތް ހުރަހެއް ނޫންކަން މީހުންނަށް ބުނެދޭން ކަމަށާއި، އެކްޓިވްކޮށް އުޅެ ތަފާތު ކަންތައް ކޮންމެ އުމުރެއްގައިވެސް ކުރެވޭނެ ކަން ސާބިތުކޮށްދިނުމުގެ ގޮތުންނެވެ.
"މީގެ އަހަރުތަކެއް ކުރިން އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީ، 60 އަހަރު ވުމުން އަހަރެން އަނެއްކާވެސް އެ ޓަވަރަށް އަރަން، ސަބަބަކީ 60 އަކީ ފަރަންސޭސިވިލާތުގައި ރިޓަޔާކުރާ އުމުރު ރަމްޒުކޮށްދޭ އެއްޗަކަށް ވާތީ، އަހަރެން ރިޓަޔާ ވާން ބޭނުންވީ އެކަންކޮށްގެން." ރޮބާޓް ބުނެފައިވެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ މެދު ފިޔަވަޅު އެޅުމުގެ ބޭނުންތެރިކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މި ކްލައިމްބިންގެ ބޭނުން ކުރަން ބޭނުންވި ރޮބާޓް ވަނީ އެތައް ފަހަރެއްގެ މަތިން ޓޯޓަލްއެންޖެރީސް ޓަވަރަށް އަރައިފަ އެވެ.
1975 ވަނަ އަހަރު ފަރަންސޭސިވިލާތުގައި ހުންނަ އޭނާގެ އުފަން ރަށް ވެލެންސް ކައިރީގައި ހުރި ފަރުބަދަތަކުގައި ޓްރެއިނިންފެށި ރޮބާޓް ވަނީ 1977 ވަނަ އަހަރު ސޯލޯ ކްލައިމްބިންގް އެއް ވަނަ ހާސިލުކޮށްފައެވެ.
އޭގެ ފަހުން ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރުޖް ޚަލީފާ އާއި އައިފެލް ޓަވަރާއި ސެން ފްރެންސިސްކޯގެ ގޯލްޑަން ގޭޓް ބްރިޖް ފަދަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި 150 އަށް ވުރެ ގިނަ އުސް ބިނާތަކަށް އޭނާ ވަނީ އަރައިފަ އެވެ.
ގިނަ ފަހަރަށް ހުއްދަ ނެތި އިމާރާތްތަކަށް އެރުމުގެ ސަބަބުން، ތަކުރާރުކޮށް އޭނާ ހައްޔަރު ވެސް ކޮށްފައިވެއެވެ.




