
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެ، ޖުމްލަ 25 އަހަރުގެ ދިގު ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވައިފި އެވެ.

ކޯޓުން މި ހުކުމް އިއްވާފައިވަނީ އަދަބާ ބެހޭގޮތުން ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު، ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވައިގެން ހިންގާ ބޮޑެތި ކުށްތަކަށް ހަރުކަށި އަދަބު ދިނުމަށް ކަނޑައަޅާފައިވާ ހަރުދަނާ އުސޫލުގެ ދަށުންނެވެ.
މިއީ ދައުލަތުގެ މަތީ މަގާމެއް ފުރެހެއްޓެވި ބޭފުޅެއްގެ މައްޗަށް މިފަހަކަށް އައިސް ރާއްޖޭގައި އިއްވުނު އެންމެ ހަރުކަށި އެއް ހުކުމްކަން ފާހަގަކޮށްލެވެއެވެ.
ޝަމްއާންގެ މައްޗަށް އިއްވި ޖުމްލަ 25 އަހަރުގެ ޖަލު ހުކުމް ބެހިގެންދަނީ ތިން ދައުވާއަކަށެވެ. އެގޮތުން އޭނާގެ މައްޗަށް ސާބިތުވި މަނީ ލޯންޑްރިންގގެ ދައުވާއަށް ފަނަރަ އަހަރުގެ ޖަލު ހުކުމެއް އިއްވައި، އޭގެ އިތުރުން ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ބިދޭސީއެއްގެ އަތުން ފޭރުމުގައި ބައިވެރިވުމުގެ ދައުވާއަށް ދައުލަތުން އެދުނު ގޮތަށް އަދަބު ބޮޑުކޮށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވިިއިރު، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއަށް އިއްވީ ދެ އަހަރުގެ ޖަލު ހުކުމެކެވެ. މީގެއިތުރުން، އޭނާ ހައްޔަރުކުރި ފަހުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ފެނުނު އެއްލައްކަ ފަންސަވީސް ހާސް ރުފިޔާއާއި ދިހަ ހާސް އެމެރިކާ ޑޮލަރަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތުވާތީ، އެ ހުރިހާ ފައިސާއެއް ދައުލަތަށް ހިފެހެއްޓުމަށްވެސް ގާޒީ ވަނީ އަމުރުކުރައްވާފައެވެ.
މި މައްސަލައިގެ އަދަބާ ބެހޭ މަރުހަލާގައި ޝަމްއާންގެ ފަރާތުން ޖަލު ހުކުމުގެ ބަދަލުގައި ގޭބަންދުގެ އަދަބަކަށް ނުވަތަ ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދި ލުޔަކަށް އާދޭސްކުރި ނަމަވެސް، ކޯޓުން އެކަމަށް އިންކާރުކުރިއެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، އޭނާގެ މާލީ އަދި އިދާރީ ބާރުތައް ނުނިޔަތެއްގައި ބޭނުންކޮށްގެން ބިދޭސީއެއްގެ އަތުން ބިރުދައްކައި ފޭރުނު ފައިސާ ބަލައިގަނެ ގެންގުޅުނުކަން ހެކިތަކުން ސާފުކޮށް އެނގެން އޮތުމުން، މިއީ އެއްވެސް ދޫދެވޭނެ މައްސަލައެއް ނޫން ކަމަށެވެ. މި ހުކުމް އައިސްފައި މިވަނީ، އޭނާ ދާޚީލީ ވަޒީރާ ދެކޮޅަށް ކުރި ތުހުމަތުތަކެއް ސަރުކާރުން ހަރުކަށިކޮށް ދޮގުކޮށްފައިވާ ދަނޑިވަޅެއްގައެވެ.






