
މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ހުސްވި ހަފްތާގައި 700 އަށްވުރެ ގިނަ މައްސަލަ ބަލައިފި
# މާލެ ސިޓީ ކައުންސިލް-
މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، ހުސްވި މޭއި މަހުގެ 31 އިން މި ހިނގާ ޖޫން މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 745 މައްސަލައެއް ބަލައި ފިޔަވަޅު އަޅާފިއެވެ.

ކައުންސިލުން "ވީކްލީ ސްޓެޓިސްޓިކްސް"ގެ ނަމުގައި ނެރޭ ހަފުތާ ރިޕޯޓްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ބެލުނު މައްސަލަތަކުގެ ތެރެއިން ޖުމްލަ 470 މައްސަލައެއް ބަލައި އެއްކޮށް ވަނީ ނިންމާފައެވެ. އަދި މިހާރުވެސް އިތުރަށް ބަލަމުންދާ 221 މައްސަލައެއް ހުރިއިރު، ގަވާއިދާ ޚިލާފުވެގެން 5 މައްސަލައެއްގައި ވަނީ ޖޫރިމަނާކޮށްފައެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ސިޓީ ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދީގެން އެޓެންޑްކޮށްފައި ވަނީ އާންމު ރައްކާތެރިކަމާ ގުޅޭ މައްސަލަތަކަށެވެ. އެގޮތުން މާލޭގެ މިސްކިތްތަކާއި، އާންމު މައިޒާންތަކާއި އަދި ޕާކްތައް ބަލައި ޗެކްކުރުމުގެ 303 މައްސަލައެއް މި މުއްދަތުގައި ވަނީ ބަލާފައެވެ.
ލިސްޓުގެ ދެވަނައަށް އެންމެ ގިނައިން އެޓެންޑްކުރަން ޖެހުނީ މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަތަކަށެވެ. އެގޮތުން މަގުތަކާއި، ގޯޅިތަކާއި، ހުސް ބިންތަކުގެ އިތުރުން ފަޅުތެރެއަށް ގަވާއިދާ ޚިލާފަށް ކުނިއެޅުމުގެ 256 މައްސަލައެއް ފާހަގަކުރެވި ބަލާފައިވެއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މަގުމަތީގައާއި ޕޭމަންޓް މަތީގައި ހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް ގަވާއިދާ ޚިލާފަށް ޕެލެޓާއި، ފޮށިގަނޑާއި އެހެނިހެން ސާމާނު ބެހެއްޓުމުގެ 49 މައްސަލައެކެވެ.
ޖުމްލަ 8 ދާއިރާއަކަށް ބަހާލައިގެން ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ތައްޔާރުކޮށްފައިވާ މި ރިޕޯޓްގައި، މާލޭގެ އާންމު އިޖްތިމާއީ މިންގަނޑުތައް ހިފެހެއްޓުމަށާއި، ގަވާއިދާ ޚިލާފަށް ކުރާ ކަންކަން ހުއްޓުވުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ވަނީ ތަފްޞީލުކޮށްދީފައެވެ.
ގުޅުންހުރި

މޭޔަރު ދެއްވީ ހުޅުމާލޭގެ އޮޑިވެރިންނާއި މަސްވެރިންނަށް ދާއިމީ ބަދަރެއް ނެތް މައްސަލައަށް އަވަސް ޙައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން!

މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ހުސްވި ހަފްތާގައި 700 އަށްވުރެ ގިނަ މައްސަލަ ބަލައިފި

އީދު މިސްކިތުގެ ޙާލަތު މޭޔަރ އާދަމް ޢާޒިމް ބައްލަވައިލައްވައިފި




