
-
ރާއްޖޭގެ ޞިއްޙީ ދާއިރާ ޑިޖިޓަލްކޮށް، ޓެކްނޮލޮޖީގެ އެހީގައި މުޅި ރާއްޖެއަށް ޞިއްޙީ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ، ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާޢީލް ރަޝީދާއި އެ ކުންފުނީގެ އިސް ވެރިންނާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ޞިއްޙީ ދާއިރާއާއި އިޖުތިމާޢީ ގޮތުން އެންމެން ޝާމިލުކުރާ (އިންކްލޫސިވް) ދާއިރާތައް ކުރިއެރުވުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޞިއްޙީ ޚިދުމަތްތަކާއި، އެންމެން ޝާމިލުވާ އިޖުތިމާޢީ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކޮށް، މުޖުތަމަޢުގެ އާންމު ލާބައާއި މަންފާއަށްޓަކައި ދެ ފަރާތުގެ މެދުގައި އޮތް އެއްބާރުލުން ވަރުގަދަކުރުމުގެ މައްޗަށެވެ. މިގޮތުން ޤައުމީ ފެންވަރުގައި އިސްކަންދޭ މުހިންމު ކަންކަން ޙާޞިލުކުރުމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ނުވަތަ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ މުހިންމުކަން މިނިސްޓަރ ވަނީ ޚާއްޞަގޮތެއްގައި ފާހަގަކުރައްވާފައެވެ.
މި މަޝްވަރާތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެވުނީ ކުރިއަށް އޮތް ތަނުގައި ޑިޖިޓަލް ހެލްތު އަދި ޓެލެމެޑިސިންގެ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށެވެ. އެގޮތުން ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން ދިމާވާ ދަތިތަކަށް ޓެކްނޮލޮޖީގެ ޒަރީޢާއިން ޙައްލެއް ހޯދައި، ކޮންމެ ރަށެއްގައި ހުރެގެންވެސް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ މަގު ފަހިކުރުމަށް ދެފަރާތް ގުޅިގެން ކުރެވޭނެ ފަންނީ މަސައްކަތްތަކާ ބެހޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަދެކެވުނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި، ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާއިން ކުރިއަށްގެންދާ ހަރަކާތްތަކަށް ދިރާގުން މެދުނުކެނޑި ދެމުންދާ އެހީތެރިކަމާއި، އެ ކުންފުނިން ވެދޭ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި މިނިސްޓަރ ޤީލާ ޢަލީ ވަނީ ދިރާގުގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުން ނިންމާލާފައިވަނީ، އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަށާއި، ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާގެ މިފަދަ މުހިންމު ޤައުމީ ކަންކަމުގައި ކުރިއަށް އޮތް ތަނުގައިވެސް ދެ ފަރާތް ގުޅިގެން އަމަލީގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް އެއްބަސްވަމުންނެވެ.
ގުޅުންހުރި

ޓެލެމެޑިސިންއާއި ޑިޖިޓަލް ހެލްތު ފުޅާކުރުމަށް މަޝްވަރާކޮށްފި

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފ. ނިލަންދޫގައި ފާހަގަކޮށްފި

"އެމްޕަވަރމަންޓް ހަބް" އަށް ބޭނުންވާ އެހީތެރިކަން ޕާކިސްތާނުން ފޯރުކޮށްދީފި




