logoEN
Sto top
އެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން މިހާތަނަށް ދެމިލިއަނަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފި

އެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން މިހާތަނަށް ދެމިލިއަނަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފި

އަހުމަދު ޝުރާއު

logo

9/17/2025, 11:37:20 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ދިވެހިރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކާ ކުރިމަތިލުމަށްޓަކައި 2025 މާރިޗު 17ގައި ގާއިމުކުރެވުނު އެންޓި-ސްކޭމް ސެންޓަރުން، ހަ މަސްދުވަހުގެ ތެރޭގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފިއެވެ.

Wamco

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގިނަ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރާ މި ސެންޓަރުން، އާންމު ރައްޔިތުން ސްކޭމުން ރައްކާތެރިކުރުމަށާއި، ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ރައްޔިތުންނަށް އަނބުރާ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިހާރުވެސް މެދުކެނޑުމެއް ނެތި އެ މަސައްކަތް ކުރަމުންދާކަން ފުލުހުން ފާހަގަކުރައްވައެވެ.

އެންޓި-ސްކޭމް ސެންޓަރަކީ ސްކޭމްގެ ހުރިހާ މައްސަލަތަކަކާ ދެކޮޅަށް މަސައްކަތްކުރާ މައި މަރުކަޒުގެ ގޮތުގައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރަމުންދާ ޑިޕާޓްމަންޓެކެވެ. ހާއްސަ ހޮޓްލައިން ނަންބަރު އަދި އީމެއިލް މެދުވެރިކޮށް މައްސަލަ ރިޕޯޓުކުރުމުގެ ނިޒާމެއް ގާއިމުކުރެވި އަދި މައްސަލަތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިކަން ހޯދުމުގެ މަގު ވަނީ ތަނަވަސްވެފައެވެ. މީގެ އިތުރުން ގެއްލޭ ފައިސާ އަނބުރާ ހޯދައިދިނުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. ގުޅިގެން ކުރެވޭ މި މަސައްކަތުގެ ސަބަބުން، ސްކޭމަރުންނާއި މަނީ މިއުލްގެ ގޮތުގައި ފައިސާ ދައުރުކުރުމުގައި އެހީތެރިވެދޭ ފަރާތްތައް ހޯދައި ދައުވާކުރުމުގެ އިތުރުން، މުހިންމު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އާންމު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކާ ގުޅިގެން ކުރިއަށް ގެންދެވިފައިވެއެވެ.

އެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން މިވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި، ސްކޭމާ ދެކޮޅަށް ކުރަމުންދިޔަ މަސައްކަތުގައި ވަނީ ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދިފައެވެ. ސްކޭމްގެ ވައްޓަފާޅި ނުވަތަ ސްކޭމަރުން ގެންގުޅޭ އުކުޅުތައް އަބަދުވެސް ބަދަލުވަމުންދާކަން ދެނެގަނެ، ޒަމާނާ ގުޅިގެން އުފަންވަމުން އަންނަ ކަންކަމަށް ވިސްނުންތެރިކަމާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.

މުހިންމު ތަފާސްހިސާބު

ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލައެވެ. އެގޮތުން އެފަދަ 491 މައްސަލައާއި، ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލައާއި، އެހެން މީހެއްގެ ގޮތުގައި ދެއްކުމުގެ (އިމްޕަރސަނޭޝަން) 130 މައްސަލައާއި، އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުުރުން ވެސް ސްކޭމްގެ އެހެނިހެން ބާވަތްތަކުގެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ.

މި މައްސަލަތަކުގައި ޖުމުލަ -/11،040،491.28ރ (އެގާރަ މިލިއަން ސާޅީސްހާސް ހަތަރުސަތޭކަ ނުވަދިހަ އެއް ރުފިޔާ އަށާވީސް ލާރި) އަދި 138،060.85 ޔޫއެސް.ޑޮލަރުގެ ގެއްލުންވެފައިވެއެވެ. މީގެ ތެރެއިން -/2،515،484.13ރ (ދެމިލިއަން ފަސްލައްކަ ފަނަރަހާސް ހަތަރުސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ތޭރަ ލާރި) އަދި 31،9737 ޔޫއެސް ޑޮލަރު ތަހުގީގުގެ ތެރެއިން ވަނީ އަނބުރާ ހޯދާފައެވެ.

ރިޕޯޓުކުރެވުނު މައްސަލަތަކުގެ ޑިމޮގްރަފިކްސް ދައްކާ ގޮތުން މަނީ މިއުލްސްގެ ގޮތުގައި 328 އަންހެނުންނާއި، 1525 ފިރިހެނުން ހިމެނެއެވެ. އަދި ސްކޭމްގެ ޝިކާރައަކަށްވެފައިވާ 627 އަންހެނުންނާއި 1305 ފިރިހެނުން ހިމެނެއެވެ. މި މުއްދަތުގެ ތެރޭގައި ފަސްތަނެއް ބަލައިފާސްކޮށްފައިވާއިރު ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ފަސް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ފޮނުވާފައިވެއެވެ. ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އެޅުނު އެކައުންޓުތަކުގެ ތަފާސްހިސާބަށް ބަލާއިރު ކޯޓު އަމުރުގެ ދަށުން 453 އެކައުންޓް ފްރީޒްކޮށްފައިވެއެވެ. އަދި މި މުއްދަތުގައި 1897 އެކައުންޓް 48 ގަޑިއިރަށް ހިފަހައްޓާފައިވެއެވެ.

ރައްކާތެރިކަމުގެ މަސައްކަތް

އެންޓި-ސްކޭމް ސެންޓަރުގެ މެންޑޭޓްގެ މައިގަނޑު ބައެއްގެ ގޮތުގައި ހިމެނެނީ ކުރިއާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި އާންމުން ހޭލުންތެރިކުރުވުމެވެ. ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި، ސްކޭމުން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު އާންމު ރައްޔިތުންނަށާއި ސްކޫލުތަކުގެ ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ސްކޭމް ސެންޓަރުން ވަނީ ތަފާތު ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން، މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ހިސާބުތައް ހިމެނޭގޮތަށް ރަށްރަށަށް ޒިޔާރަތްކޮށް ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އަދި ސޯޝަލް މީޑިއާގެ އެކި މަންސަތަކާއި ޓީވީ، ރޭޑިޔޯ ޕްރޮގްރާމްތައް މެދުވެރިކޮށް ވެސް މައުލޫމާތު ދީފައިވެއެވެ. މި މަސައްކަތްތަކުން ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް %40 މީހުންނަށް މައުލޫމާތު ފޯރުކޮށްދެވިފައިވެއެވެ.

މަސައްކަތްތައް ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތައް

އެންޓި-ސްކޭމް ސެންޓަރު އުފެދިގެން މި ފާއިތުވި ހަ މަސްދުވަހު، ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ހަރުދަނާ އޮޕަރޭޝަނަލް އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. އެގޮތުން ސްކޭމާ ގުޅޭ ހުރިހާ ތަހުގީގެއްގެ މައި މަރުކަޒެއްގެ ގޮތުގައި އެންޓި-ސްކޭމް ސެންޓަރު ގާއިމުކޮށް ބާރުވެރިކުރުވުމާއި، ސްކޭމާ ގުޅުންހުރި އެކައުންޓުތައް ހިފެހެއްޓުމާއި ފައިސާ ޓްރޭސްކުރުމަށް އަވަސް ފިޔަވަޅު އެޅުމަށްޓަކައި މާލީ އިދާރާތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރެވިފައިވެއެވެ. އަދި"އޮޕަރޭޝަން ފްރޮންޓިއަރ+" ފަދަ ބައިނަލްއަގުވާމީ އޮޕަރޭޝަންތަކުގައި ބައިވެރިވެފައިވެއެވެ. މީގެ ސަބަބުން، ބޯޑަރު ހުރަސްކޮށް ހިންގާ ފްރޯޑާ ދެކޮޅަށް މަސައްކަތްކުރުމާއި ވަގަށްނެގޭ ފައިސާ އަނބުރާ ހޯދުމުގެ ގާބިލުކަން ވަނީ އިތުރުވެފައެވެ.

ހަމަ އެހެންމެ، ސިމް ކާޑު ނަހަމަ ގޮތުގައި ބޭނުންކުރުމާއި އޮންލައިން އެކައުންޓުތައް ކޮމްޕްރޮމައިޒްކުރުން ފަދަ އަލަށް ފާހަގަކުރެވޭ ސްކޭމްގެ ވައްތަރުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް، ހިނގަމުންދާ ސްކޭމްތައް އާންމުންނަށް އަންގައިދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބުނެދީފައިވެއެވެ. މީގެ އިތުރުން "ސްކޭމް އައްޑަނަ" މި ނަމުގައި ހާއްސަ ކެމްޕެއިނެއް މުޅި ރާއްޖެއަށް ގެންދިއުމަށް ވަނީ ލޯންޗުކޮށްފައެވެ. މީގެ އިތުރުން ވެސް ތަފާތު މަސައްކަތްތައް ވަނީ ކުރެވިފައެވެ.

އެންޓި-ސްކޭމް ސެންޓަރުން ވަނީ މިހާރު އެޅިފައިވާ ބިންގަލުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތްތަނުގައި އައު ސްޓްރެޓެޖީތައް ތަންފީޒުކުރުމަށް އަޒުމް ކަނޑައަޅާފައެވެ. މިގޮތުން، ގިނަ އޭޖެންސީތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރެވޭނެ، ގުޅިފައިވާ ނިޒާމެއްގެ މަސައްކަތް ވަނީ ރޭވިފައެވެ. މި އިނީޝިއޭޓިވްގެ ދަށުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ބެންކުތަކާއި، ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ފަރާތްތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމާއި ފިޔަވަޅު އެޅުމުގައި ވަގުތުން ގުޅުން ބޭއްވޭނެ ޕްލެޓްފޯމެއް އުފެއްދޭނެއެވެ.

ސްކޭމް ހުއްޓުވުމަށް ކުރިމަގުގައި އަމާޒުކުރެވޭނެ ކަންތައްތަކުގެ ތެރޭގައި، ނާޒުކު ޑިމޮގްރަފިކްތަކަށް އަމާޒުކޮށްގެން އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތައް ކުރިއަށް ގެންދިއުމާއި، މަކަރުވެރި ފޯނު ކޯލުތަކާއި އެސްއެމްއެސްތައް ބްލޮކްކުރުމަށް ނެޓްވޯކް ލެވެލްގައި ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ފަރާތްތަކާއެކު މަސައްކަތްކުރުމާއި، ސްކޭމާ ގުޅުންހުރި ކޮންޓެންޓާއި އެކައުންޓްތައް އަވަހަށް ނައްތައިލުމަށް އޮންލައިން ޕްލެޓްފޯމްތަކާއެކު މަސައްކަތް ކުރެވިގެންދާނެއެވެ. މީގެ އިތުރުން، ސްކޭމާ ދެކޮޅަށް މަސައްކަތްކުރުމާއި ނާޖާއިޒު ފައިދާ ހިފެހެއްޓުމަށް ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ގާނޫނާއި ގަވާއިދުތަކުގެ އިސްލާހުތައް ހުށަހެޅުން ވެސް ރޭވިފައިވެއެވެ.

ސްކޭމަރުންގެ ސަބަބުން ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖެއަށް މާލީގޮތުން ލިބެމުންދާ ގެއްލުންތައް ނައްތާލައި ރައްކާތެރިކަން ދެމެހެއްޓުމަށާއި އެންމެހައި ރައްޔިތުންނަށް ރައްކާތެރި ޑިޖިޓަލް މާހައުލެއް އުފެއްދުމަށް ހުރިހާ ވަގުތެއްގައި ވެސް އެންޓި-ސްކޭމް ސެންޓަރުން މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ސެންޓަރުން ރައްޔިތުންނަށް ވަނީ ދެއްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC