ކާވާ ޗެންޕިއަންސް ލީގު: ނޭޕާލް ޓީމު އަތުން އެޗްޑީސީ ބަލިވެއްޖެ
# ދިވެހި ކުޅިވަރު # ކާވާ މެންސް ޗެންޕިއަންސް ލީގު 2025އެޗްޑީސީ އާއި ހެލްޕް ނޭޕާލް އެސްސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް
މާލޭގައި މިހާރު ކުރިއަށްދާ ކާވާ މެންސް ޗެންޕިއަންސް ލީގު 2025 ގައި ރޭ ރާއްޖޭގެ ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ނޭޕާލް ޓީމުން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި އެޗްޑީސީ ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާނުގެ ބިޝްކެކް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ރާއްޖޭގެ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ސެޓް ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުން ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ތިންވަނަ ސެޓުގައި އެޗްޑީސީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ރިސީވްތަކާއެކު އެޓޭކުތައްވެސް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މި ސެޓް އެޓީމުން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުންނެވެ. އަދި ޖެހިގެން އައި ހަތަރު ވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުން ސެޓް ކާމިޔާބުކޮށް، ނޭޕާލް ޓީމުން ވަނީ ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށްފައެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ދެމެޗުން ވެސް ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު މޮޅުވެ ހަ ޕޮއިންޓް ހޯދާފައިވާއިރު، ލީގުގު ބުރުގައި އެޗްޑީސީ ކުޅުނު ދެވަނަ މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.
17 ޖުލައި 2025 އިން 23 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ޤައުމީ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަދި ރަނަރަޕްގެ ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސްރީލަންކާ ޕޯޓްސް އޮތޯރެޓީ، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު، ކިރްގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކް ވޮލީ ކުލަބް އެވެ.
ގުޅުންހުރި
ކާވާ ޗެންޕިއަންސް ލީގު: އެޗްޑީސީ އަތުން ޒައިކަށް ފަސޭހަ މޮޅެއް
