
ދެ ބޮންޑެޑް ވެއަރހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދަނީ
# ކަސްޓަމްސް ސާވިސަސް--
ދެ ބޮންޑެޑް ވެއަރހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.

ދެ ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި މުދާ ޤަވާއިދާ ޚިލާފަށް ނެރުނު މައްސަލައިގަ ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ވަނީEXOTIC ENTERPRISES BONDED WAREHOUSEގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ބޮންޑެޑްވެއަރހައުސް ކަސްޓަމްސްއިން ޗެކްކުރިއިރު، އެ ބޮންޑެޑްވެއަރހައުސްގައި ހުންނަންޖެހޭ Camel Yellow ބްރޭންޑްގެ 165 ކޭސް ސިނގިރޭޓާއި، American Legend ބްރޭންޑްގެ 110 ކޭސް ސިނގިރޭޓާއި Manchester Royal Red ބްރޭންޑްގެ 300 ކޭސް ސިނގިރޭޓް (ޖުމްލަ 575 ކޭސް ސިނގިރޭޓް) ގަވާއިދާ ޚިލާފަށް ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާކަން ފާހަގަވާ ކަމަށެވެ.
މީގެ އިތުރުން،SGM BONDED WAREHOUSEގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ބޮންޑެޑްވެއަރހައުސް ކަސްޓަމްސްއިން ޗެކްކުރިއިރު، އެ ބޮންޑެޑްވެއަރހައުސްގައި ހުންނަންޖެހޭ American Legend ބްރޭންޑްގެ 250 ކޭސް ސިނގިރޭޓާއި Afzal Molasses ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވާއިދާ ޚިލާފަށް ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މި ދެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ތަޙްގީގް ކުރަމުން އަންނައިރު މި ދެ ބޮންޑެޑްވެއަރހައުސްގެ ރަޖިސްޓަރީ ބާޠިލުކޮށް، މި މައްސަލައިގައި ހިމެނޭ މުދަލަށްEXOTIC ENTERPRISES ބޮންޑެޑް ވެއަރހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 47,182,011.86 ރުފިޔާ އާއި SGM ބޮންޑެޑްވެއަރހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 20,720,412.54 ރުފިޔާ ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި، މި ދެ މައްސަލަ ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައެވެ.
ބޮންޑެޑްވެއަރހައުސް ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއަރހައުސްތަކުގައި ނުބެހެއްޓޭގޮތަށާއި، މީހުން ދިރިއުޅޭ ޢިމާރާތެއްގައި ނުވަތަ ޢިމާރާތުގެ ބައެއްގައި ބޮންޑެޑް ވެއަރހައުސް ނުހެދޭގޮތަށް ކަސްޓަމްސްގެ ޢާންމު ގަވާއިދަށް މިހާރު ވަނީ އިސްލާޙު ގެނެސްފައެވެ.
ގުޅުންހުރި

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 1 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ނައްތާލައިފި

ސިއްރުން އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
