ވައިބަރު ހެކްކޮށްގެން ފޭރޭ މިންވަރު އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި
އަހުމަދު ޝުރާއު
12/10/2024, 4:59:04 PM
--
ގިނަ ދިވެހިންތަކެއް ބޭނުންކުރާ ވައިބަރު ހެކްކޮށްގެން މަކަރާއި ހީލަތުގެ އަމަލުތައް ހިންގާ މިންވަރު އިތުރުވާތީ ސަމާލުވާން ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒް ކުރުމަށް ހީލަތްތެރިން އައު އުކުޅެއް ބޭނުންކުރަމުންދާކަން އެއިދާރާއަށް މިހާރު ހުށަހެޅެމުންދާ މައްސަލަތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އައު އުކުޅުގައި، ސްކޭމަރުން ވިކްޓިމަށް ގުޅައި، ވިކްޓިމް ބޭނުންކުރާ ނަންބަރަކީ ކުރިން ބޭނުންކުރި ނަންބަރެއް ކަމަށް ބުނާ ކަމަށާއި. އަދި ސްކޭމަރުގެ އެކައުންޓެއް ރިކަވަރ ކުރުމަށް ވިކްޓިމްގެ ނަންބަރަށް ލިބޭ އޯޓީޕީ ކޯޑެއް ހިއްސާކުރުމަށް އެދޭ ކަމަށެވެ. އެ ކޯޑު ހިއްސާ ނުކުރުމުން، ދެން އެދެނީ ވިކްޓިމްގެ ނަންބަރަށް ރިސީވްވާ އިންޓަނޭޝަނަލް ކޯލެއްގެ ނަންބަރު ހިއްސާކުރުމަށް ކަމަށެވެ.
މި ނަންބަރު ހިއްސާކުރުމުން މި ނަންބަރު ބޭނުންކޮށްގެން ސްކޭމަރުން ވިކްޓިމްގެ ވައިބަރ އެކައުންޓް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، މަކަރާއި ހީލަތުގެ އަމަލުތައް ހިންގާ ކަމަށް ފުލުހުން ބުންޏެވެ,
ފުލުހުން ވަނީ މިކަމަށް ސަމާލުވެ، ނުދަންނަ ފަރާތްތަކާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރުމަށްވެސް ވަނީ އެދިފައި އެވެ.