ޗައިނާގެ 4 ސިޓީއަކަށް އަންނަ މަހު މޯލްޑިވިއަންއިން ސީދާ ދަތުރުތައް ފަށަނީ
އަހުމަދު ޝުރާއު
12/10/2024, 4:45:54 PM
--
ގައުމީ އެއާލައިން، މޯލްޑިވިއަންއިން އަންނަ ޖެނުއަރީ މަހު، ޗައިނާގެ ވެރިރަށް ބެއިޖިން ހިމެނޭ ގޮތަށް އެ ގައުމުގެ ޖުމްލަ ހަތަރު ސިޓީއަކަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓްރީއާއި މޯލްޑިވިއަން އިން މިއަދު ވަނީ އެއެއާލައިނުން ރާއްޖެ އާއި ބެއިޖިން އާ ދެމެދު ދަތުރުތައް ފެށުން ފާހަގަކުރުމަށް ޚާއްސަ ހަފްލާއެއް ބެއިޖިންގައި ބާއްވާފައި އެވެ. މި ހަފްލާގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އާއި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އެމްޑީ އިބްރާހިމް އިޔާސް ބައިވެރިވެވަޑައިގެންނެވި އެވެ.
ގައުމީ އެއާލައިން, މޯލްޑިވިއަން އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާގެ ވެރިރަށް ބެއިޖިންއާއި ޝަންހާއީ، ޗެންގްޑޫ އަދި ޒިއާންއަށް އާ ސީދާ ދަތުރުތައް ފެށުމަށް އެއާލައިނުން ތައްޔާރުވެފައިވާ ކަމަށެވެ. އަދި މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އެއާއިލައިންގެ ފްލީޓާއި އަންނަ އަހަރު ގުޅޭ އޭ330-200 ވައިޑް ބޮޑީ މަތިންދާބޯޓާއެކުގައި ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައި އެވެ.
އަދި މިކަން ފާހަގަކުރުމަށް މިއަދު ބެއިޖިންގގައި ބޭއްވި ލޯންޗް އިވެންޓްގައި ދެ ޤައުމުގެ މުހިންމު ސްޓޭކްހޯލްޑަރުން އެއްތަނަކަށް ޖަމާވެ، ރާއްޖެ އާއި ޗައިނާއާ ދެމެދު ފަތުރުވެރިކަން ކުރިއެރުވުމަށް މަޝްވަރާކުރެވުނު ކަމަށް ވަނީ ބުނެފައި އެވެ.
މޯލްޑިވިއަން އިން މި ވަގުތު ދަތުރުކުރަނީ ރާއްޖޭގެ 16 މަންޒިލަކާއި އިންޑިއާގެ ތިން ސަރަހައްދަކާއި ލަންކާ އަދި ބަންގްލަދޭޝަށެވެ. މޯލްޑިވިއަން އިން ވަނީ ޗައިނާގެ އިތުރަށް ޔޫރަޕުގެ ގައުމުތަކަށްވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ.