ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަންނަ އަހަރު ހާއްސަ މަސައްކަތްތަކެއް ކުރާނެ: ސީޕީ
އަހުމަދު ޝުރާއު
12/1/2024, 6:05:02 PM
--
އަންނަ އަހަރަކީ ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާ އަހަރަކަށް ވެގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ށ. ފުނަދޫގައި ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސީޕީގެ ވާހަކަފުޅުގައި، ފަލަސްތީނުގެ ކުޑަކުދިންގެ ހާލަތަށް އިޝާރާތްކުރައްވަމުން، އެ ކުދިން އެތައް ހައްގުތަކަކުން މަހުރޫމުވެ، ތަހައްމަލުކުރަމުންދާ ދަތި އުނދަގޫތަކާއި ބިރުވެރިކަމަކީ މިފަދަ ދުވަހެއް ފާހަގަކުރާއިރު ލިބޭ ހިތްދަތިކަމެއްކަން ފާހަގަކުރެއްވިއެވެ. "މި ވަގުތުވެސް ފަލަސްތީނުގެ އެތައް ކުދިންނެއް އެ ކުދިންނަށް ލިބިފައިވާ އެތައް ހައްގަކުން މަހުރޫމުވެ، އެ ހައްގުތައް ލިބޭނެ ދުވަހަކާމެދު އިންތިޒާރު ކުރަމުން އެބަދޭ. އެ ހާލަތު ބަދަލުކުރުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ، ވެވެންއޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމާއި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުން" ސީޕީ ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވި ގޮތުގައި، ގާނޫނުތަކުން ކުޑަކުދިންނަށް ލިބިފައިވާ އެއްވެސް ހައްގަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ ބެލުމުގެ ޒިންމާ އޮންނަނީ ދިވެހި ފުލުހުންގެ މުއައްސަސާއަށެވެ. ކުޑަކުދިންނާމެދު ހިންގޭ އަނިޔާވެރި އަމަލުތައް ރާއްޖޭގައިވެސް ހިނގަމުންދާކަން ފާހަގަކުރައްވައި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަން ސީޕީ ޔަގީންކޮށްދެއްވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތައް އަންނަ އަހަރަށް ތަރުތީބުކުރާއިރު، އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންގެ ރައްކާތެރިކަމަށް އިސްކަންދިނުން ކަނޑައެޅިގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. މިގޮތުން، ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ކުޑަކުދިންގެ ހަވީރަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފާއި ށ. ފުނަދޫ މުއައްސަސާތައް ގުޅިގެން ހިންގި ހަރަކާތެކެވެ. މީގެ އިތުރުން، ދުވަހާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.