ވާދަވެރި ކުޅުމަކަށްފަހު ކަލާފާން ބަލިކޮށް ޖާމާލުއްދީން ޗެންޕިއަންކަން ހޯދައިފި
ހަސަން ޝަމްއޫން
11/23/2024, 1:12:11 PM
ޖަމާލުއްދީންގެ ސްކޫލްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު
ހޭންޑްބޯޅަ މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން، ބޭއްވި "އިންޓަރ ސްކޫލް ހޭންޑްބޯޅަ ފިއެސްޓާ 2024" ގެ ފިރިހެން ޑިވިޝަންގައި ފައިނަލުގައި މިއަދު ހަވީރު ކަލާފާން ސްކޫލާއި ޖާމާލުއްދީން ސްކޫލް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 5-7 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖާމާލުއްދީން ސްކޫލުން މުބާރާތުގެ ޗެންޕިއަންކަންހޯދައިފިއެވެ.
މުބާރާތުގެ ފައިނަލުން ކަލާފާން ސްކޫލް ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 2-6 ގެ ނަތީޖާއަކުން ތާޖުއްދީން ސްކޫލް ބަލިކުރުމަށްފަހު އެވެ. އަދި ޖާމާލުއްދީން ސްކޫލް ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 9-5 ގެ ނަތީޖާއަކުން ރެހެންދި ސްކޫލް ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ތިން ލަނޑުގެ ލީޑަކާއެކު 5-2 ގެ ނަތީޖާއަކުން ޖާމާލުއްދީން ސްކޫލް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ރެހެންދި ސްކޫލުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެެވެ.
މިއަހަރު މުބާރާތުގެ ފިރިހެން ޑިވިޝަންގައި 18 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަންގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 18 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް ސްޓޭޖު މެޗުތަކުގައި ޓައިމްއައުޓެއް ނެތި އަށް މިނެޓްގެ ދެހާފު ކުޅެފައިވާއިރު، ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ޖާގަ ލިބިފައެވެ.