ޝަރުޢީ ޙުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ޙަޤީޤަތް ތަޞައްވުރު ކުރުމަކީ ޝަރުޢީ ޤަވާޢިދެއް - ޝަހީމް
އަހުމަދު ޝުރާއު
11/23/2024, 7:26:07 AM
--
އިސްލާމީ ފިޤުހުގައި ފަތުވާގެ މަޤާމަކީ ވަރަށް މަތިވެރި މަޤާމެއްކަމަށާއި ވަކި ކަމެއްގެ ޝަރުޢީ ޙުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ޙަޤީޤަތް ތަޞައްވުރު ކުރުމަކީ ޝަރުޢީ ޤަވާޢިދެއްކަމުގައި އިސްލާމީ ކަންތައްތަކަ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ ޝަހީމް މިހެން ވިދާޅުވީ ރާއްޖޭގައި ބަައްވާ ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމާ ބެހޭ ފުރަތަމަ މަހާސިންތާގެ އިފްތިތާޙީ ޖަލްސާގައި ވަހަކަ ދައްކަވަމުންނެވެ. ޑރ ޝަހީމް އިތުރަށް ވިދާޅުވީ މިޒަމާނުގައި، ކުރިމަތި ވެފައިވަ ޒަމާނީ ފިޤުހީ މައްސަލަތަކުގައި ޙުކުމްތައް ބަޔާންކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާކުރެވެންޖެހޭކަމަށާއި އެފަދަ ކަންކަމުގައި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމަޢު ބައިބައިވެގެން ހިގައިދާނެ ކަމެއްކަމުގައެވެ.
ޝަރުޢީ ޙުކުމްތައް ބަޔާންކުރުމުގައި، ފިޤުހީ މުޢުތަބަރު ޚިލާފު ހުންނަ ކަންކަމުގައި ޚިލާފުގެ އޮތް ކަމުގެ ވާހަކަ ބަޔާންކުރުން މުހިންމުކަމަށާއި ތަބަޢަވާންޖެހޭނީ ޤުރުއާނާއި ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢުއަށް ކަމަށެވެ.
މީގެ އިތުރުން ފިޤުހީ ކަންކަމުގައި އިސްލާމްދީނުގެ ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދެން މެދުވެރިވި އިލްމީ، އިޖްތިމާޢީ، ޢުރުފީ ސަބަބުތަށް ދެނެގަތުމަކީ އެއްބައިވަންތަކަމަށް މަގު ފަހިވާނެ ކަމެއްކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ. ޚިޔާލު ތަފާތު ހުންނަ ކަންކަމުގައި ވެސް އުންމަތުގެ ދަންނަ ބޭކަލުންނަށް އިޙުތިރާމް ކުރުމަކީ އިލްމުވެރިންގެ އަޚުލާޤުކަމުގައި ޑރ ޝަހީމް ފާހަގަ ކުރެެއްވިއެވެ.
ދީނީ ކަންކަމުގައި ފަތުވަ ދޭ އިރު، މީސްތަކުންގެ ޙާލަތާއި ޢުރުފާއި ސަޤާފަތާއި ޒަމާނާ މެދު ރިޢާޔަތްކުރުމަކީ ފަތުވަ ދިނުމުގައި ބަލަންޖެހޭ ކަމެއްކަމަށާއި އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކާއި މުޖުތަމަޢާއި ދައުލަތުގެ ޢާއްމު މަޞްލަޙަތުތައް ޚާއްޞަ މަޞްލަޙަތު ތަކުގެ މައްޗަށް އިސްކުރަންޖެހޭނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ދީނުގެ ޙުކުމްތައް ބަޔާންކުރުމުގައި އިސްލަމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ ލުއިފަސޭހަކަމުގެ އަސާސް ހިފެހެއްޓުމާއި މެދުމިން އުޞޫލުތަށް ނެގެހެއްޓުމަށް ވަޒީރު ޑރ ޝަހީމް ގޮވައިލެއްވިއެވެ.
ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށާއި ދީނީ އެއްބައިވަންތަކަން ޤާއިމުކުރެއްވުމަށް އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔަ ޑރ މުހައްމަދު މުއިއްޒު އިސްކަމެއް ދެއްވާކަމަށާއި ގިނަ ދުވަސްތަކަކަށް ފަތުވަ ކައުންސިލްގެ މެންބަރުން ހަމަނުވެ އޮތް އޮތުން، ރައީސްވަނި ނިމުމަކަށް ގެންނަވައި، ޤާނޫނުގައި ބުނާ ފުރިހަމަ ޢަދަދަށް މެންބަރުން ޢައްޔަންކުރެއްވިފައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ވަޢުޒާއި އިރުޝާދައި ފަތުވަ ދިނުން ދަރަޖަކުރުމާމެދު އިލްމުވެރިންގެ މަޝްވަރާ ބޭނުންވާކަމަށާއި އިސްލާމީ ކަންކަން ހިންގުމުގައި އިލްމުވެރިން ދެއްވާ ލަފާފުޅުތަކަށް އަބަދުވެސް އިޙުތިރާކުރާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.