އިމާމުންގެ ސުލޫކީ މިންގަނޑު ބަހައްޓަންވީ ގޮތުގެ އުސޫލެއް ހަދައިފި
އަހުމަދު ޝުރާއު
11/14/2024, 6:46:28 PM
--
އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަހައްޓަންވީ ގޮތުގެ އުސޫލެއް ޤާއިމްކޮށް އާއްމުކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު އާއްމުކުރި މި އުސޫލަކީ މުޅިން އަލަށް އާއްމުކުރި އުސޫލެކެވެ.
މި އުސޫލުގެ މަގުސަދަކީ މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކާއި އާއްމު އިޖުތިމާޢީ މިންގަނޑުތަކާއި އެއްގޮތަށް ޢަމަލުކުރާ ބައެއްކަން ކަށަވަރުކުރުމާއި، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ދީނީ އެއްބައިވަންތަކަމާއި ޤައުމީ ވަޙްދަތު ދެމެހެއްޓުމަށް މަސައްކަތްކުރާ ބަޔަކަށް ހެދުމާއި، ވަޒީފާގެ ޒިންމާތަކަށް ރައްކާތެރިވުމަށް ބާރުއެޅުމަށާއި ހުރިހާ އިމާމުން ޢަމަލުކުރާނެ އެއް މިންގަނޑެއް ކަނޑައެޅުން ކަމަށް ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން އިމާމުންނާއި މުދިމުންނަކީ ރިވެތި އަޚުލާޤީ ސިފަތައް ދަމަހައްޓާ ސުލޫކު ރަނގަޅު ނަމޫނާ ބަޔަކަށް ހެދުމާއި އިމާމުންނާއި މުދިމުންނަކީ މުޖުތަމަޢު ބަލައިގަންނަ އަބުރުވެރި އަދި އާއްމުން އިތުބާރުކުރާ ފަދަ ބަޔަކަށް ހެދުމަކީވެސް މި އުސޫލު ޤާއިމްކުރުމުގެ މަގުސަދުތަކުގައި ހިމެނޭ ކަންކަމެވެ.
މި އުސޫލުގައި އިމާމުންނާއި މުދިމުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރަންވީ ގޮތާއި، ހެދުން އެޅުމުގައި ބަހައްޓަންވީ އަދި ފަރުވާތެރިވާންވީ ކަންކަމާއި އަމިއްލަ ކަންކަމާއި އުޅުންތައް ބަހައްޓަންވީ ގޮތާއި މިސްކިތުގައި ކުރާ އަޅުކަމާއި ގުޅުންހުރި ކަންކަމުގައި ޢަމަލުކުރަންވީ ގޮތުގެ ތަފްސީލް ވަނީ ހިމަނާފައެވެ. މީގެ އިތުރުން މިސްކިތުގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމާއި ގުޅޭ ގޮތުންނާއި ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި، މި އުސޫލަށް ތަބާނުވާނަމަ ފިޔަވަޅު އަޅާނެ ގޮތްތައްވެސް މި އުސޫލުގައި ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.
މި އުސޫލާއި ގުޅޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިއީ އިސްލާމީ ކަންކަމުގެ ނިޒާމް ހަރުދަނާ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ މަަސައްކަތުގެ ބައެއްކަމަށެވެ. އިމާމުންގެ ކަންކަން ހަރުދަނާ ކުރުމަށް ވުޒާރާއިން މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އިމާމުންނަށް އިތުރު ތަމްރީންދީ ފެންވަރު މަތިކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.