މުޅި ރާއްޖެ ހިމެނޭ ގޮތަށް ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި
އަހުމަދު ޝުރާއު
11/13/2024, 7:19:25 PM
--
މުޅި ރާއްޖެ ހިމެނޭ ގޮތަށް ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު 16:00 އިން 18:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އަމާން މުޖުތަމައެއް ގާއިމުކުރުމަށާއި، ރައްޔިތުންނާ ގުޅުން ބަދަހިކުރުމާއި، އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމާއި، ފުލުހުންގެ ވިޒިބިލިޓީ އިތުރުކުރުމާއި، އެކި ސަރަހައްދުތަކަށް ޒިޔާރަތްކުރުމާއި، ކުށްތަކުން ރައްކާތެރިކުރުވުމަށް ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތުދިނުމާއި، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުމަށް މައުލޫމާތުދިނުމާ އަދި ކުށްތައް ހިނގާ ސަރަހައްދުތައް ދެނެގަނެ ކުށްމަދު ކުރުމަށް ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުއި، ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އަޑުއަހާފައިވެއެވެ. އަދި ފުލުހުންގެ މަސައްކަތްތަކާއި އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯދާފައިވެއެވެ.
މުޅި ރާއްޖެ ހިމެނޭގޮތަށް، ފުލުހުން ގާއިމުވެފައިވާ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އަދި އެހެނިހެން ރޭންކުތަކުގެ ފުލުހުންނާއި ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓު އަދި ޕޮލިސް ޑެސްކުތަކުގައި މަސައްކަތްކުރާ ފުލުހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވިއެވެ.
މި ހަރަކާތުގެ ސަބަބުން، ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ ކުށްމަދުކުރުމަށް މަސައްކަތްކުރުމާއި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެން ގޮސްފައިވެއެވެ.
ދިވެހިރާއްޖެއަކީ ކުށްމަދު، އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް ދަނީ މަސައްކަތްކުރަމުންނެވެ. އަދި ގާނޫނުތައް ނަގަހައްޓައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ގާނޫނުތައް ތަންފީޒުކުރުމަކީ ފުލުހުންގެ މައިގަނޑު އެއް ވާޖިބެވެ. ހަމަ މިއާއެކު ކުށުގެ ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކޮށް އުފާވެރި ހިތްހަމަޖެހޭ މުޖުތަމައެއް ބިނާކުރުމަށް ކެނޑިނޭޅި ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.