ނައިބު ރައީސް، ސަމޯއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
އަލްފާ އަލީ
10/23/2024, 5:15:00 AM
-
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ސަމޯއާގެ ބޮޑުވަޒީރު ހަރ އެކްސެލަންސީ ފިއާމޭ ނައޯމީ މަޓައާފާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުހޫރިއްޔާގެ ނައިބު ވަނީ ސަމޯއާއިން ދިވެހި ވަފުދަށް ދެއްވަމުންގެންދަވާ ފުރިހަމަ މެހުމާންދާރީއަށާއި މިއަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަށް ކުރައްވާފައިވާ ފުރިހަމަ އިންތިޒާމުތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސަމޯއާގެ ބޮޑުވަޒީރު ވަނީ، ކޮމަންވެލްތު މެންބަރު ޤައުމުތަކުގެ ހައިސިއްޔަތުންނާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން ދެ ޤައުމުން ހިއްސާކުރާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާއި ލާސާނީ ޘަޤާފަތްތައް ހިމާޔަތްކުރުމުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އެއޯސިސް)ގައި ސަމޯއާ އިން އަދާކުރައްވަމުން ގެންދަވާ އިސް ދައުރުވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސަމޯއާގެ ބޮޑުވަޒީރު ވަނީ، ތިމާވެށީގެ ދާއިރާ އާއި މޫސުމަށް އަންނަ ބަދަލުތަކާއި ފަތުރުވެރިކަމާއި އިޤްތިޞާދު އަދި ވިޔަފާރި ފަދަ ދާއިރާތަކުން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދެވިދާނޭ ގޮތްތަކާ މެދުގައިވެސް މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސަމޯއާއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން 2024 ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ. ދިވެހިރާއްޖެ އާއި ސަމޯއާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 2 އޮގަސްޓު 1993 ގައެވެ.