ދަފަރާ ކެމްޕޭންގެ ދަށުން ލ.އަތޮޅުގެ ޞިއްޙީ މަސައްކަތްތެރިންނަށް ތަމްރީން ޕްރޮގްރާމެއް ހިންގައިފި
އަހުމަދު ޝުރާއު
9/25/2024, 8:30:34 AM
--
ދުންފަތާ ދުންފަތުގެ ދުމުން ތުއްތު ކުދިންނާ ޒުވާންޖީލު ރައްކާތެރި ކުރުމުގެ މަގްސަދުގައި މިއަހަރުގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހު އިފްތިތާހުކުރެވުނު "ދަފަރާ" ކެންޕެއިންގެ ދަށުން ލ.އަތޮޅުގައި މަސައްކަތްކުރާ ޞިއްޙީ މަސައްކަތްތެރިންނަށް އަމާޒުކޮށް 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.
"ޓްރޭނިންގ އޮން ބޭސިކްސް އޮފް ޓޮބޭކޯ ސިޒޭޝަން" ގެ ނަމުގައި ކުރިޔަށް ގެންދިޔަ މިޕްރޮގްރާމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތާއި ހުނަރު ދަސްކޮށް ދިނުމަށް ހިންގުނު ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ލ.އަތޮޅުގެ ރަށްތަކުގައި މަސައްކަތްކުރާ ޞިއްހީ އެހީތެރިންގެ 28 މީހަކު ތަމްރީނު ކުރެވިފައިވެއެވެ.
މި ތަމްރީނު ޕްރަގްރާމްގެ މަގުސަދަކީ ދުންފަތު އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށްދެވޭ ސެޒޭޝަންގެ ހިދުމަތްތައް ލާމު އަތޮޅުގައި ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އިސްނަގައިގެން ލ.ގަމު ރީޖަނަލް ހޮސްޕިޓަލް އާއި ގުޅިގެން ކުރިޔަށް ގެންދިޔަ މި ތަމްރީނުގައި ކިޔަވާ ދެއްވީ ދަމަނަވެށީގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ ޢަބުދުލް ޢަޒީޒު ހަމީދެވެ. މިތަމްރީނު ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރ މަހުގެ 17 އިން 18 އަށް ލ.އަތޮޅު ގަމުގައެވެ. ދަފަރާ ކެމްޕޭންގެ ދަށުން މިފަދަ ޕްރޮގްރާމެއް މީގެ ކުރިން ނ.އަތޮޅު ހޮސްޕިޓަލްގައި ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ހިންގާފައެވެ.