ހައްޖު ކިއޫ ފަޅާފާލަަފައި އެއްވެސް ބަޔަކަށް ޖާގައެއް ނުދޭ - ޝަހީމް
އަލްފާ އަލީ
6/8/2024, 7:44:46 AM
--
ހައްޖު ކިއު ސިސްޓަމް ފަޅާލާފައި އެއްވެސް ބަޔަކަށް ޖާގަ ނުދެއްވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ހައްޖު ކިއޫ ފަޅާލާފައި އެއްވެސް ބަޔަކަށް ޖާގަ ހޯދައި ނުދެއްވާ ކަމަށާއި, ޒަމާނުއްސުރެ ސަރުކާރުގެ ބޭނުމަށް ޖާގަތަކެއް ހާއްސަކޮށްފައި ހުންނަ ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަން އުފެދުމުގެ ކުރިންވެސް އަމަލު ކުރަމުން އައީ މިގޮތަށް ކަމަށް ޝަހީމް ވިދާޅުވި އެވެ.
"މިއަހަރު މިއީ މުޅިން އަލަށް އެއްހާސް މީހުންނަށްވުރެ ގިނައިން ކިއޫ އިން ޖާގަ ލިބުނު އަހަރު. އެހެންނޫނީ ކިއޫ އިން ޖާގަ އިންނާނީ 700 މީހުންނަށް." - ޝަހީމް ވިދާޅުވި އެވެ.
މިއަހަރު ރާއްޖެއިން 1150 މީހުން ހައްޖަށް ދާނެކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ, މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރެވުނު ބުރަ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.
2022 ވަނަ އަހަރު ރާއްޖެއިން ހައްޖަށް ދެވުނީ 400 މީހުންކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ, އޭގެ ކުރީގެ ދެ އަހަރު ކޯވިޑް-19 އާއި ގުޅިގެން ހައްޖަށް މީހުން ނުދާ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ހައްޖު ކިއޫ ދިގުވެފައިވާކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެ ހަޤީޤަތް ޤަބޫލުނުކޮށް މުއައްސަސާތަކުގެ އަގު ވައްޓާލުމަކީ ދެރަ ކަމެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
ރާއްޖޭގައި އޮންނަނީ އިސްލާމީ ދުނިޔޭގެ ހައްޖު އިދާރާގެ ތެރެއިން ފާހަގަކޮށްލެވޭ ރަނގަޅު އިދާރާއެއް ކަމަށާއި ހައްޖު ކޯޕަރޭޝަނާމެދު ދިވެހިން އުފާވާން ޖެހޭ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ކޮންމެ މީހަކު ވެސް ފައިސާ ދެއްކުމުން ޖާގަ ކަށަވަރުވެ ހައްޖަށް ދެވޭ އަހަރު ކަށަވަރުވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. ބައެއް ޤައުމުތަކުގައި ހައްޖަށްދާ އެންމެން ހޮވަނީ ގުރުއަތުން ކަމަށާއި އެއްވެސް މީހަކަށް ދެވޭނެ ކަމުގެ ޔަޤީންކަން ނޯންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ފަރުޟު ހައްޖު ކުރަން ބޭނުންވާ މީހުންނަށް އިސްކަން ދެވޭނެ ކަމަށާއި ސައުދީއަރަބިއްޔާގައި އޮންނަ ގޮތަށް ހައްޖު ކޮށްފައި ހުންނަ މީހަކަށް 5 އަހަރު ފަހުން ނޫނީ ނުދެވޭ ގޮތަށް ހެދުމަކީ ވެސް ބައެއް ޤައުމުތަކުން ކުރާ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެހެން ހަދަނީ ފަރުޟު ހައްޖު ކުރަން ގިނަ މީހުންނަށް ފުރުސަތު ދިނުމަށް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.