ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ހައުސްގެ ފަރާތުން 1 ލައްކަ ޑޮލަރު ފޮނުވަނީ
އައިޝަތު އިފާޝާ
5/8/2024, 10:57:45 AM
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު
ޔަހޫދީ އިސްރާއީލުން މެދުކެނޑުމެއްނެތި ހިންގަމުންދާ ޖަރީމާތަކާއި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮަށްދިނުމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ފަރާތުން އެއްލައްކަ ޑޮލަރު ފޮނުުވުމަށް ނިންމަވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެެވެ.
ވަޒީރު މިހެން ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު ވިދާޅުވީ, ޒަކާތު ހައުސްގެ ފަރާތުން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން އަދި ޚާއްސަކޮށް ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޯށްދިނުމަށް އެއްލައްކަ ޑޮލަރު ފޮނުވުމަށް ނިންމަވައި އެކަމާ ގުޅޭގޮތުން ކުރަންޖެހޭ މުޢާމަލާތްތައް ޤަތަރުގެ ރެޑްކްރެސެންޓާއެކު މިހާރު ކުރިއަށްދާ ކަމަށެވެ.
އަދި އެކަމާ ގުޅިގެން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާ ގުޅޭ ކަންތައް މިހާރު ނިމިފައިވާ ކަމަށާއި, މިހާރު ކުރިއަށް ދަނީ ފައިސާ ޓްރާންފާ ކުރުމުގެ މަރުހަލާ ކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ފަރާތުން, ޒަކާތުގެ އިދާރާއިން އެހީވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކުރައްވާފައެވެ. އަދި ދިވެހިންގެ ޒަކާތު ފައިސާ އޭގެ ހައްގުވެރި ފަރާތްތަކަށް ރައްދުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވަވާފައެވެ.