ކްލައިމެޓް އިމަރޖެންސީ ބިލް ފާސްކޮށްފި

2030 ވަނަ އަހަރަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށްވުމަށް ކަނޑައަޅާ، ކްލައިމެޓް އިމަރޖެންސީ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ފާސްވެގެންދިޔައީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގައި ނެގި ވޯޓުން 70 މެމްބަރުންގެ ވޯޓާއި އެކުއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ބިލު، ނުވަތަ ކްލައިމެޓް ޗޭންޖް ބިލްގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުނު މި ބިލުގެ ނަން ކްލައިމެޓް އިމަރޖެންސީ ބިލް އަށް ބަދަލުކުރުމަށް މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމީ ރާއްޖެ މިހާރު އޮތް ހާލަތަށް ބެލުމަށްފަހުއެވެ. ސަރުކާރުން ހުށައެޅި ބިލަށް ކޮމިޓީން ވަނީ ކަމާ ބެހޭ އިދާރާތަކުގެ ލަފަޔާއި އިރުޝާދުގެ މަތިން މުހިއްމު ބަދަލުތަކެއް ގެނެސްފައެވެ.

މީގެކުރިން ރާއްޖޭގެ ކާބަން ނިއުޓްރަލް ލަނޑުދަނޑި ގާނޫނަކުން ކަނޑައަޅާފައެއް ނުވެއެވެ. އެހެންނަމަވެސް ކޮމިޓީން ކްލައިމެޓް އިމަރޖެންސީ ބިލަށް މި ބައި އިތުރުކުރަން ހުށައެޅީ މީގެކުރިންވެސް ނެޓް ޒީރޯ ގައުމަކަށް ވާން އަމާޒުހިފާ މަސައްކަތް ކުރި ނަމަވެސް، މިއަދާ ހަމަޔަށް ވެސް އެކަން ކުރެވިފައިނުވަނީ ގާނޫނީ އޮނިގަނޑެއް ނެތުމުން ކަމަށް ފެންނާތީއެވެ. އެގޮތުން މި ބިލުގައި ކާބަން ލަނޑުދަނޑިތަކާއި އަޅަން ޖެހޭ ފިޔަވަޅުތައް ބަޔާންކޮށްފައިވެއެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ތައާރަފް ކުރެވޭ ކޮންސެޕްޓް ތަކެކެވެ.

ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމުވެސް މި ގާނޫނުގެ ދަށުން ތައާރަފްކުރެވޭނެއެވެ. އެ ފަރާތުގެ މަސްއޫލިއްޔަތަކަށް ވެގެންދާނީ ކްލައިމެޓް ޑިޕްލޮމެސީގެ ދާއިރާގައި ރާއްޖެ ތަމްސީލު ކުރުމާއި ކްލައިމެޓް ޗޭންޖާއި ގުޅޭ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ އިތުރުން ދޭދޭ ގައުމުތަކާއި ރާއްޖެއާއި ދެމެދު (ތިމާވެށީގެ ރޮނގުން) އޮންނަ ގުޅުން ވަރުގަދަ ކުރުމެވެ.

ކޮމިޓީގެ ފަރާތުން މި ބިލުގައި ހިމެނުމަށް ނިންމި އެންމެ މުހިއްމު ކަމަކީ ރާއްޖެއަށް ކްލައިމެޓް ޗޭންޖްގެ ދާއިރާއިން ލިބޭ ފައިސާ މެނޭޖް ކުރާނެ ހަރުދަނާ ގޮތްތަކެއް ކަނޑައެޅުމެވެ. އެގޮތުން މި ފައިސާ މެނޭޖް ކުރުމަށްޓަކައި ވަކި އިދާރާއެއް އުފެއްދުމަށް ވަނީ ހުށައަޅާފައެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މި އިދާރާއަށް ވަކި ގާނޫނީ އޮނިގަނޑެއް އެކުލަވާލަންޖެހެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް