logoEN
ޕީއެންސީ 2
ހުވަދު އަތޮޅުގެ ކުރީޒަމާނުގެ ބައެއް އާދަކާދަ 3

ހުވަދު އަތޮޅުގެ ކުރީޒަމާނުގެ ބައެއް އާދަކާދަ 3

# އާދަކާދަ، ހުވަދު އަތޮޅު

fb_img_1588753729186

ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު އަތޮޅުތަކުގެ ތެރޭގައި ހުވަދު އަތޮޅު ހިމެނިގެން ދެއެވެ. ޤުދުރަތީގޮތުން އުފެދުމުގައި އެއް އަތޮޅުގެ ގޮތުގައި އުފެދިފައި ވީނަމަވެސް، އިދާރީގޮތުން ހިންގުމަށް ފަސޭހަޔަކަށް، ހުވަދު އަތޮޅު ވަނީ ދެ އަތޮޅަކަށް ބަހާލެވިފައެވެ. ހުވަދު އަތޮޅަކީ ދިވެހިރާއްޖޭގެ ނިސްބަތުން ރަށްތައް އެންމެ ގިނަ އެއް އަތޮޅެވެ. އަދި ކުރީ ޒަމާނަށް ބަލާއިރު ހުވަދު އަތޮޅުގެ ގިނަ އަދަދެއްގެ ރަށެއްގައި މީހުން ދިރިއުޅުނުކަން ތާރީޚުން އެނގެއެވެ.

ޝަރީ 2024

ހުވަދު އަތޮޅުގެ ކުރީޒަމާނުގެ ބައެއް އާދަކާދަ 3

ސާފުތާހިރުވެ، ފެންވެރުމާއި ބޯދޮވުން.

ކުރީ ޒަމާނުގައިވެސް ހުވަދު އަތޮޅުގެ ރަށްވެހިންނަކީ، ސާފުތާހިރުކަމަށް ލޯބިކޮށް އުޅުނު ބަޔެކެވެ. ފެންވެރުމަށް ބޭނުންކުރާ މީރުވަސްދުވާ ސައިބޯނި، ޝޭމްޕޫ އަދި ރީތިވެ، މޭކަޕް ކުރާ ސާމާނު ނެތްނަމަވެސް، ފެންވަރައި ސާފުތާހިރުވުމަށް ހުރިހާ އުމުރެއްގެ މީހުންވެސް ޚާއްސަ އިސްކަމެއް ދެއެވެ. ކުޑަކުދިން ގިނައިން ފެންވަރުވައި، ލޮލިގައި އަނދުން އަޅައި، ކާށި ތެޔު ނުވަތަ ޒައިތޫނި ތެޔޮ ގައިގައި އުނގުޅައި ރަނގަޅަށް ތެލުން ހާނުވައެވެ. މޫނުގައި ފުށްޖަހައި، ނަލަ ހެއްދުމަށް މައިން ޚާއްސަ އިސްކަމެއް ދެއެވެ.

undefined

އަންހެންވެރިން، ބޯދޮންނަށް ބޭނުންކުރަނީ، އަޅިފެނާއި، ކުކުޅުބިހެވެ. މިގޮތުން ބޯދޮންނަން ބޭނުންކުރަނީ ކުނިވެފައިހުންނަ ކުކުޅުބިހެވެ. ބޯދޮންނަށް ކުނިވެފައި ހުންނަ ކުކުޅު ބިސް ބޭނުން ކުރުމުގައިވެސް ޚާއްސަ ސަބަބެއް އެކުލެވިގެންވެއެވެ. އެއީ، ކުނިވެފައި ހުންނަ ކުކުޅުބިހުން ގަދައަށް ފޮނު ނިކުންނާތީ އެވެ. ބޯދޮންނަން އަޅިފެންވެސް ބޭނުންކުރެއެވެ. ބޯދޮންނަން އަޅިފެން ތައްޔާރުކުރާ ގޮތަކީ، ގަނޑުއަޅި، ސާފު ފެންއެއްޗަކަށް އަޅައި، ދެތިން ދުވަސްވަންދެން ބަހައްޓުމަށްފަހު ބޭނުންކުރަނީއެވެ. ދެތިންދުވަސްވުމުން ދެން އެ ފެނުން އިސްތަށިގަނޑު ރަނގަޅަށް ދޮންނަނީ އެވެ. ބޯ ދޮވުމަށްފަހު ފެންވަރަނީ، ވެވަށް އެރި އެވެ. ވެވަކީ މިޒަމާނުގެ ސްވިމިންގ ޕޫލް ފަދަ ގޮތަކަށް ތައްޔާރުކުރެވިފައި ހުންނަ ފެންގަނޑުތަކެކެވެ. ކޮންމެ އަވަށެއްގައިވެސް ޚާއްސަ މިފަދަ ފެންގަނޑުތައް ހެދިފައި ހުރެއެވެ. މިފަދަ ފެންގަޑުތަކަށް ދެޖިންސުގެ މީހުން އެއްކޮށް އެރި ނުއުޅެއެވެ. ދެޖިންސަށް ވަކި ޚާއްސަ ވެވުތައް ރަށުގައި ހެދިފައި ހުރެއެވެ.

undefined

ވެވުތައް ސާފުކޮށް ބަލަހައްޓަން އުދަނގޫވުމާއި، ގިނަބަޔަކު އެރިއުޅޭތަނަކަށް ވުމުން، ސާފުތާހިރުކަން ދަމަހައްޓަން ދަތިވުމުން، ވެވުތައް ދޫކޮށް، ގިނަ ރަށްރަށުގައި ފަސްއަޅައި ފޮރުވާފައިވެއެވެ. އެއަށްފަހު ގޯތީގައި ވަޅު ބަހައްޓައި ވަޅުތައް ބޭނުންކުރަން ފެއްޓުމުން ދެން ފެންވަރަނީ ދާނީން ފެންނަގައިގެން ވަޅުންނެވެ. ވެވަކީ، ވަށަމިނުގައި 10 ވަރަކަށް ފޫޓު ހުންނަވަރަށް އަނގަމަތި ފުޅާކޮށް އަދި ފެނުގެ ފުންމިން ތިންހަތަރު ފޫޓު ހުންނަވަރަށް ފުންކޮށް ކޮނެ ވަށައިގެން ގާ ޖަހާފައި ހުންނަ ބޮޑެތި ވަޅުތަކެވެ. ގިނަ ވެވުތައް ހުންނަނީ، މިޒަމާނުގައި ސްވިމިންގ ޕޫލަށް ފައިބަން ސިޑި ހުންނަފަދައިން، ތިރިޔަށް ފައިބަން ސިޑިލާފައެވެ. މިސިޑި ބިމުން މައްޗަށް ދޮޅުފޫޓުވަރަކަށް އުސްކޮށްފައެވެ. ސިޑިބަރި މަތީގައި އިށީނުމުން މޭކަށިގަނޑަށްވުރެ މައްޗަށް ފެންފަށަލަ ހުރެއެވެ. ފެންވަރާއިރު، އަންހެނުންގެ މޭކަށިގަނޑުން ފެށިގެން ތިރި ނިވާކުރަން ފޮތިގަނޑެއް ބަނދެގެން ބޭނުންކުރެއެވެ. ގޯތީގައި ބަހައްޓާފައި ހުންނަ ވަޅުން ފެންނެގުމަށް ބޭނުންކުރާ ދާނި ހަދާފައި ހުންނަނީ، ބޮޑެތި ކާށީގެ ނާށީގައި ދަނޑިއެއް ޖަހައިގެންނެވެ. ހުވަދު އަތޮޅުގެ މީހުން މިގޮތަށް ނާށިން ހަދާފައި ހުންނަ ދާންޏަށް "ގޮޅާ ދާނި" ކިޔައެވެ. ފިރިހެނުން އާންމުކޮށް ފެންވަރައި އުޅެނީ މޫދުން ނެވެ. މޫދުން ފެންވެރުމަށްފަހު، މިސްކިތުގެ ވެވުން ނުވަތަ މިސްކިތުގެ ވަޅުން ގަޔަށް ހެޔޮފެން އަޅައި ސާފުތާހިރުވެއެވެ. ރާއްޖޭގެ ބައެއް އެހެން ރަށްރަށުގެ އަތިރިމަތީގައި ބޮޑުވަޅު ނުވަތަ ވެވު ހަދާފައިހުއްޓަސް ހުވަދު އަތޮޅުގައި މިފަދަ ވަޅުތަކާއި، ވެވުތައް ހަދާފައި ހުންނަނީ މިސްކޮތްދޮށުގައި އެކަނި އެވެ. ފިރިހެނުން ފެންވަރައިގެން ގެއަށް ދަނީ، ހެދުން ހިއްކައިގެންނެވެ. އަންނައުނު ހިއްކުމަށް އަމލުކުރާގޮތަކީ، ބޮލުގައި އަޅާ ފޮށާ އަނދެގެން، ތެތް މުންޑާއި ގަމީސް ބާލައި، މިސްކިތްދޮށުގެ ވިނަގަނޑުމަތީގައި ފަތުރައިގެން އަވިން ހެދުން ހިކެންދެން މަނޑުކުރަނީއެވެ.

ވެވުގެ ނުވަތަ ފެންގަނޑުގެ ވަށިގެންވާ ފާރު ތައްޔާރު ކުރަނީ ލަކުނޑިންނެވެ. ވެވުހަދަން ފުރަތަމަ އާންމުކޮށް ބޭނުންކުރަނީ ޅޮސްވަކަރާއި، ރުއްވަކަރެވެ. ވެވު ތައްޔާރުކޮށްފައި ހުންނަނީ، ބިމުގައި ހަތަރުފަސްފޫޓު ފުން ވަޅުގަނޑެއް ކޮނެ އެތަނުގައި ލަކުޑި އަތުރައިގެން ނެވެ. ތިލަވަތްގާ ނުވަތަ ފެންގަޑުގެ އަޑީގެ ތަޅުން ވެސް ތައްޔާރުކުރަނީ ލަކުޑި އަތުރައިގެން ނެވެ. ތިލަ ވަތްގާ އަޅަނީ، މަތީގައި އަޅާ ލަކުޑިއާއި ތާށިވާގޮތަށެވެ. އެންމެމަތީގައި، ނިންމާ ހިސާބުގެ ލަކުޑި ހުންނަނީ ތަޅު އިލި (އެއްވަކަރު އަނެއް ވަކަރާއި ވަކިވެގެން ނުދާނެހެން އަރުވާފައިވާ ބޮލްޓެއް ހެން ބާރުކޮށް އަރުވާ ވަށްކޮށް ހުންނަ ހިމަ ލަކުނޑި ކޮޅުތައް) ޖަހާފައެވެ. ވެލިގަލާއި، ހިރަގަލުގެ ވަޑާމުގެ މަސައްކަތް ދިވެހިންގެ ތެރެއަށް ތަޢާރަފް ވުމާއި ހަމަޔަށް މިފަދަ ވެވުތައް ތައްޔާރުކުރީ ލަކުނޑި ބޭނުންކޮށްގެންނެވެ. ނަމަވެސް ހިރިގަޅުގެ ވަޑާމުގެ މަސައްކަތް ފެށުމުން ލަކުޑީގެ ޒަމާނަށް ނިމުމެއްއައެވެ. އުވަ ތަޢާރަފްވެ، ރޭނުގެ މަސައްކަތައް އުވަ އަދި ހިރިގާ ބޭނުންކުރަން ފެއްޓުމުން، ގަލުގެ ވަޑާމުގެ މަސައްކަތައް ނިމުން އައިސްފައިވެއެވެ. އަދި އެއަށްފަހު ސިމެންތި ތަޢާރަފު ވުމުން ރޭނުމުގެ މަސައްކަތަށް އުވަ ބޭނުންކުރުމަށް ނިމުމެއް އައިސްފައި ވެއެވެ. ގިނަ ބަޔަކު އެއް ވެވަކަށްއެރި ފެންވަރުމަކީ، ގައިންގަޔަށް އަރާ ބަލިތައް ފެތުރޭ ކަމެއްކަން އެނގި، ދައުލަތުން އެކަން މަނާކުރަން ފެއްޓުމުން ރައްޔިތުން ހޭލުންތެރިވެ، ސަރުކާރުން ވެވުތައް ނައްތާލީ 1940 ގެ އަހަރުތަކުގަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ