ކާޑުގެ ބާވަތްތައް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައިފި

މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު (ނަންބަރު 2020/12) ގެ ދަށުން ކާޑުގެ ބާވަތްތައް ވިއްކޭނެ އެންމެ މަތީ އަގު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ހާމަކޮށްފައިވާ ގޮތުގައި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު އުވި، މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވާތީ، ބައެއް މުދާތައް ވަކިވަކިން (ރީޓެއިލްކޮށް) ވިއްކޭނެ އެންމެ މަތީ އަގު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އާދައިގެ ހަނޑޫ ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 4.80 (ހަތަރު ރުފިޔާ އައްޑިހަ ލާރި) އެވެ. އާދައިގެ ހުދު ހަކުރު ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 4.82 (ހަތަރު ރުފިޔާ އައްޑިހަ ދެލާރި) ކަމަށްވާއިރު އާދައިގެ ފުށް ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 3.80 (ތިން ރުފިޔާ އައްޑިހަ ލާރި) އެވެ.

އިކޮނޮމިކް މިނިސްޓްރީއިން ވަނީ ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ޚަރަދުގެ ގޮތުގައި (ނާލާއި، މަޖޫރީ އަދި ފައިދާ ހިމަނައިގެން) އަގުގެ މައްޗައް ކިލޯއަކަށް ގިނަވެގެން އިތުރުކުރެވޭނެ އަދަދުތައް ވެސް މިއަދު ހާމަކޮށްފައެވެ.

މިއާއި އެކު އިކޮނޮމިކް މިނިސްޓްރީއިން ވަނީ ކޮންޓްރޯލް އަގައްވުރެ ބޮޑުކޮށް މުދަލެއް ވިއްކައިފިނަމަ، އެފަރާތްތަކަށް ފިޔަވަޅުއެޅޭނެކަމުގެ އިންޒާރު ދީފައެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އުވި، ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ވަނީ ފެށިފައެވެ. އަދި މިއަދު އަގުތައް ކަނޑައަޅާފައިވަނީ އެ ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް