ފެނަކައިން މެކޭނިކުން ތަމްރީން ކުރަނީ

މެކޭނިކަލް މަސައްކަތްކުރާނެ މީހުން ތަމްރީނު ކުރުމަށް ފެނަކަ އިން ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

"ފުނަރު ޕްރޮގުރާމް" ނަމުގައި ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗް ގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމާއި ބެހޭގޮތުން ފެނަކައިން ބުނި ގޮތުގައި އެ ކުންފުނިން ކަރަންޓުގެ ހިދުމަތް 153 ރަށަކަށް ފޯރުކޮށްދޭއިރު، ހިދުމަތްތައް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މެކޭނިކަލް މަސައްކަތްކުރާ ފަންނީ ގާބިލު މަސައްކަތްތެރިން ހޯދުމަކީ ދަތި ކަމެއް ކަމަށެވެ. އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގައި ކޮންމެހެން ކުރަން ޖެހޭ މެކޭނިކަލް މަސައްކަތްތައް ކުރަނީ އެކަމުގެ ފަންނީ އިލްމާއި ހުނަރު ހުރި މުވައްޒަފުންގެ މަސައްކަތު ތާވަލަށް ބިނާކޮށް ކަމަށާއި އެކަމުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ލަސްތަކާ ކުރިމަތިވެ، ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ އަސާސީ ހިދުމަތްތައް ހަލުވިކަމާއިއެކު ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

އެކަމަށް ހައްލެއް ހޯދުމަށް ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗް ގެ ފަރާތުން "ފުނަރު ޕްރޮގުރާމް އިން، އިންޖީން ރިޕެއަ އެންޑް މެއިންޓެނަންސް" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގުރާމުން، އެ ދާއިރާއިން މީހުން ބިނާކުރެވި، ފަންނީ މީހުން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަަށް ފެނަކަ އިން ބުނެއެވެ.

ފުނަރު ޕްރޮގުރާމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަރަންޓު ހިދުމަތް ދިނުމުގެ ދާއިރާ އިތުރަށް ތަރައްގީކޮށް އެ ދާއިރާގައި ގާބިލު، މަސައްކަތަށް ކަމޭހިތާ މީހުން ބިނާކުރުން ކަމަށްވެސް ފެނަކަ އިން ބުންޏެވެ.

ފުނަރު ޕްރޮގުރާމުގެ ސަބަބުންއެ ދާއިރާއިން ކުރިއަށް ދިޔުމަށް ހިތްވަރު ލިބި، މެކޭނިކަލް ދާއިރާއިން ޓެކްނީޝަނުން އުފެދި، ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ވެގެންދާނެ ކަމަށްވެސް ފެނަކަ އިން ބުންޏެވެ.

"ފުނަރު ޕްރޮގުރާމް އިން އިންޖީން ރިޕެއާ އެންޑް މެއިންޓެނަންސް" ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމާފައިވަނީ ތިއަރެޓިކަލް ބަޔާއި ޕްރެކްޓިކަލް ބައި ހިމެނިގެން ތިން މަސް ދުވަހުގެ ނިޔަލަށެވެ.

އެ ކޯސް ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ހިންގުމަށް ނިންމާފައިވާއިރު 16 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް މި ޕްރޮގްރާމަށް ކުރިމަތިލެވޭނެކަމަށް ފެނަކަ އިން ބުންޏެވެ. އޭގައި އަންހެން ފިރިހެން ތަފާތު ކުރުމެއް ނެތް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް