logoEN
ޕީއެންސީ 2
ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގުރޫޕު އަންނަ ޖޫންމަހުގެ 12 ވަނަ ދުވަހު ފުރާނެ

ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގުރޫޕު އަންނަ ޖޫންމަހުގެ 12 ވަނަ ދުވަހު ފުރާނެ

އައިޝަތު އިފާޝާ

logo

5/27/2023, 6:00:53 AM

hajj

ރާއްޖެއިން މިއަހަރު ޙައްޖަށް ދާ މީހުން އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ފުރުމަށް ތައްޔާރުވެއްޖެއެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރު ޙައްޖު ދުވަހަކީ އަންނަ މަހުގެ 27 ވަނަ ދުވަހެވެ.

ޝަރީ 2024

މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތެރެއިން އަންނަ މަހުގެ 12 ވަނަ ދުވަހު ފުރަތަމަ ފުރާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ މީހުންނެވެ. އެގޮތުން އެދުވަހު އެކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ 296 ދިވެހިން ފުރާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ. އެ ކޯޕަރޭޝަނުން ވިދާޅުވީ އަންނަމަހުގެ 12 ވަނަ ދުވަހުން ފެށިގެން އެކި ދުވަސްމަތިން ޙައްޖަށް މީހުން ފުރަމުންދާނެކަމަށެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދޫކޮށްފައިވާ ގުރޫޕްތަކުގެ ތެރެއިން ހަރަމައިން ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 87 މީހުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. ސިސިލްފަރު ގުރޫޕްގެ ހަވާލުގައި ހައްޖަށް ދާ 87 މީހުން ފުރާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. މަނާސިކް ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 85 މީހުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހު ކަމަށް އެ ގުރޫޕުން މައުލޫމާތުދެއެވެ.

ޙައްޖުވެރިން ޙައްޖަށް ދިއުމުގެ ކުރިން އެމީހުންނަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށްޓަކައި ގްރޫޕްތަކުގެ އެޑްވާންސް ޓީމްތައް ކުރިން ފުރުމަށްވަނީ ހަމަޖެހިފައިވެއެވެ. އަދި ޙައްޖުގެ އަޅުކަމަށްފަހު ޖުލައިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެނބުރި ރާއްޖެއަށް އަންނަން ފަށާނެއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން ފަސޭހައިން އެއަރޕޯޓަށް ދެވޭނެ އިންތިޒާމްތަކާއި މައްކާ މަދީނާގައިވެސް ދިވެހި ހައްޖުވެރިންނަށް ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމަށް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މީގެ ތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. އަދި ދެންހުރި ފުރުސަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.

މިއަހަރަކީ ކޯވިޑްގެ ކުރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުޞަތުދޭ މިންވަރަށް ފުރުޞަތު ލިބޭ ފުރަތަމަ ފަހަރެވެ. އެގޮތުން 2 މިލިޔަން މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ސަޢުދީން މިއަހަރުވަނީ ދީފައެވެ. އެހެންކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދާ މީހުން މިހާރުވަނީ ސަޢުދީއަށް އެތެރެވާންފަށާފައެވެ. ސަޢުދީ ސަރުކާރުން މިހާރު ވަނީ ޙައްޖުގެ އަޅުކަން ފަސޭހައި ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަންފަށާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ